Last Updated: May 29, 10:27
Thursday, May 29, 2025
ޚަބަރު

މާލެ ފެހިކޮށް، ފިނިކުރަން ޖެހޭ: އާޒިމް

މާލޭގައި ގަސް އިންދައި ފެހިކޮށް، މާލެ ފިނިކުރުމަކީ ވަރަށް މުހިންމު ކަމެއް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުން މާފަންނުގައި ތަރައްޤީ ކުރަމުން އަންނަ "މާފަންނު މައިޒާނު "ގައި ގަސް އިންދުމަށް ބޭއްވި ހަރަކާތުގެ ތެރެއިން މީޑިޔާތަކާ ވާހަކަދައްކަމުން އާޒިމް ވިދާޅުވީ، މާލެ އަބަދު ވެސް ވަރަށް ހޫނު ކަމަށާއި، މި ކަމަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، މައިޒާންތައް ހަދައި މައިޒާންތަކުގައި ގަސް އިންދައި ފެހި ކުރުމަކީ، ކައުންސިލުން ޚާއްޞަ އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށެވެ.

އަދި މި ގޮތަށް މައިޒާންތައް ފެހިކޮށް ގަސް އިންދުމުން، މާލޭގެ މަގު މަތީ ހިނގާބިގާވެ އުޅޭ މީހުންނަށް ފަސޭހަކަމާއެކު ދުރުފެނުމަކީ، އެ މީހުންނަށް، ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑެތި ފައިދާތަކެއްވެ، އުފާވެރިކަން ގެނެސްދޭ ކަމެއް ކަމަށާއި ގަސްތައް ފެނުމުން ހިތްހަމަޖެހުން ގެނެސްދޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

ޢާޒިމް ވިދާޅުވީ މާފަންނު މައިޒާން ތަރައްޤީ ކުރާ ސަރަހައްދަކީ، މާލޭގެ އެންމެ ކާރު ބާރު ބޮޑު އެއް ސަރަހައްދު ކަމަށެވެ. މި ސަރަހައްދުގައި ހުރި ގޯޅިތައް ހަނިވުމުގެ ސަބަބުން، ބަލިމީހުން އުފުލުމަށް ބޭނުން ކުރާ އެމްބިއުލަންސް އެ ގޯޅިތަކަށް ވަދެ ނިކުތުމަށް، ފަސޭހަކުރުމަށް، އެ ގޯޅިތަކުގައި ހުރި ސައިކަލްތައް، މާފަންނު މާޒާނުގައި ހެދިގެން އަންނަ ސައިކަލް ޒޯނަށް ބަދަލުކުރުމަށް، ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ޢާޒިމް ވިދާޅުވީ، މާލެއަށް މިހާ ބޮޑެތި ބަދަލުތަކެއް ގެނެވިގެން މިދަނީ، މާލޭގައި ދިރި އުޅޭ ރައްޔިތުން އުފާކޮށް، އެ މީހުންނަށް ރަނގަޅު މާހައުލެއް ޤާއިމް ކުރުމުގެ ހެޔޮނިޔަތުގައި ކަމަށެވެ. އަދި މި މަސައްކަތްތައް ކުރުމުގައި ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.