ރާއްޖޭގައި ބޭންކިން ޚިދުމަތް ދިނުމަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދެ ފަރާތަކަށް ދީފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނީ ރާއްޖޭގައި މާލީ ނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށް އެ އޮތޯރިޓީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ބޭންކިން ޚިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީއާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މި މަހުގެ 19 ވަނަ ދުވަހު ދީފައިވާ ކަމަށެވެ.
މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީއަށް ހުއްދަ ދީފައިވަނީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ބޭންކްގެ ނަމުގައި ޓިއާ 1 ބޭންކްއަކަށް ބަދަލުކުރުމަށެވެ. އަދި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދީފައިވަނީ ބީއައިސީ ބޭންކް މޯލްޑިވްސްގެ ނަމުގައި ޓިއާ 1 ބޭންކެއް ޤާއިމްކުރުމަށެވެ.
މި ދެވުނު ހުއްދަތަކާއެކު، ޚިދުމަތް ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭނެ ކަމަށް އެމްއެމްއޭ އިން ކަނޑައަޅާ ޝަރުތުތައް ފުރިހަމަކުރުމުން މި ދެ ފަރާތަށް ރާއްޖޭގައި ބޭންކިން ޚިދުމަތް ދިނުމުގެ ހުއްދަ ދެވޭނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އަދި މިއީ މާލީ ޚިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް، އަދި ރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެއް ކަމަށްވެސް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.