Last Updated: May 29, 10:27
Thursday, May 29, 2025
ޚަބަރު

މި ސަރުކާރުން އޮންނާނީ ކޮރަޕްޝަންގައި ތަޅު އަޅުވާފައި

މި ސަރުކާރު ވެރިކަމަށް އައުމާއެކު ކޮރަޕްޝަންގައި އޮންނާނީ ތަޅު އަޅުވާފައި ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޝާޑު ވިދާޅުވީ މި ސަރުކާރު އައުމާއެކު ކޮރަޕްޝަންގައި އޮންނާނީ ތަޅު އަޅުވާފައި ކަމަށާއި ކޮރަޕްޝަން ދެން ނުހިންގޭނެ ކަމަށެވެ. އަދި ކޮރަޕްޝަން ހިންގާ ފުރުސަތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުދެއްވާނެ ކަމަށާއި ކޮރަޕްޝަން ނުހިނގާނެ ކަމަށް ޝާޑު ވިދާޅުވި އެވެ.

"މަޖިލީހުން އަޅުގަނޑުމެން އޮންނާނީ ކޮރަޕްޝަން ހުއްޓުވާފައި ތަޅުލާފައި. ތަޅުދަނޑި އޮންނާނީ މަޖިލީހުގައި ރައީސް އަބްދުއްރަހީމްގެ އަތްޕުޅުގައި," ޝާޑު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެ ކަމަށާއި އަދި ކޯޓުތަކަށް ވެސް އަތް ނުބާނާނެ ކަމަށް ޝާޑު ވިދާޅުވި އެވެ. އަދި އުސޫލުތަކުގެ ތެރެއިން، ހަމަޖެހިފައިވާ ގަވައިދުގެ ތެރެއިން ކަންކަން ކުރިއަށް ދިއުމަކީ ރައީސް އެކަންކަމަށް ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން ކަމަށްވެސް ޝާޑު ވިދާޅުވި އެވެ.

ޝާޑު މިހެން ވިދާޅުވި އިރު ރައީސް މުއިއްޒު ދާދިފަހުން ވަނީ ބޭނުންފުޅުވަނީ ކުންފުނިތަކާއި ވުޒާރާތަކާއި މުއައްސަސާތަކަކީ ދެފުށް ފެންނަ ގޮތަަށް ހިންގާ ކޮރަޕްޝަނާ ދުރު ތަންތަނަށް ހެދުމަށް ކަމަށް ވިދާޅުވެފަ އެވެ.

"ކޮރަޕްޝަނަކީ އަޅުގަނޑުމެން އެންމެން ހަމަ އެކައްޗެއް ކިޔާފައި، ނޫނެކޭ ބުނާކަމަކަށްވާން. އެއީ، އަޅުގަނޑު ގައިމުވެސް، އަޅުގަނޑަށް އެނގިގެން މީހަކަށް ފުރުޞަތު ދޭނެ ކަމެއްނޫން. ހަމަ ޙަޤީޤަތުގައިވެސް ހުއްޓުމަކަށް ގެންނަން، އެއްވެސް ސުވާލެއްނެތި ބޭނުންވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.