ދިވެހި ވިޔަފާރިވެރިން ބަންގްލަދޭޝްގައި އިތުރަށް އިންވެސްޓްކުރަން، ބަންގްލަދޭޝްގެ ކޮމާސް އެޑްވައިޒަރު އެސްކޭ ބަޝީރު އުއްދިން ގޮވާލައިފަ އެވެ.
ރާއްޖެއިން ބަންގްލަދޭޝް އަށް ކަނޑައަޅާފައި ހުންނަ ހައިކޮމިޝަނަރު ޝިއުނީން ރަޝީދާއެކު ބޭއްވި ބައްދަލުވުމުގައި ކޮމާސް އެޑްވައިޒަރު ވިދާޅުވީ ބަންގްލަދޭޝް އަކީ މިހާރު ޕްލައިވުޑް، ހޮޅި، ޓައިލްސް އަދި ފެންވަރު ރަނގަޅު ބިއްލޫރި އުފެއްދުމުގައި ކުރިއަރާފައިވާ ގައުމެއް ކަމަށާއި މިއީ ރާއްޖޭގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ބޭނުން ކުރެވިދާނެ ބާވަތްތަކެއް ކަމަށެވެ.
ދެ ޤައުމުގެ ގުޅުން ކުރިއެރުވުމާއި ވިޔަފާރި އިތުރުކުރުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.
އެގޮތުން ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އިތުރުވުމުން ދެ ޤައުމުގެ އިޤްތިޞާދު ވަރުގަދަވާނެ ކަމަށް ވިދާޅުވެ، ބަޝީރު ވަނީ ރާއްޖެއަށް ހުނަރުވެރި މީހުން ތަމްރީނުކޮށްދިނުމުގައި ބަންގްލަދޭޝަށް އެހީތެރިވެވިދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
މި ބައްދަލުވުމުގައި ޝިއުނީން ވިދާޅުވީ ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު އޮތީ އުޚުއްވަތްތެރި ގުޅުމެއް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އިތުރުވުމުން ދެ ޤައުމުގެ ގުޅުން އިތުރަށް ކުރިއަރާނެ ކަމަށްވެސް ވިދާޅުވި އެވެ.