ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގެ ނަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުޅެނީ ޑްރާމާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އަދި ހައިކޯޓުގެ ކުރީގެ ފަނޑީޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން ޖޭއެސްސީން އިއްޔެ ވަނީ ނިންމައިފަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އެ މަގާމުގައި ތިއްބެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާ ކަނޑައެޅިގެން ޚިލާފަށް ފެށިގެންދިޔަ ޢައިރު ދުސްތޫރީ މަރުހަލާއެއްގެ ދަށުން، ޢަދުލު އިންޞާފް ޤާއިމުކުރުމުގެ ބާރުގެ އެންމެ މަތީ ކޯޓުގެ ބައެއް ފަނޑިޔާރުން މަޤާމުން ދުރުކޮށް، އެ ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގެ ނަމުގައި ޖޭއެސްސީ އަށް ލިބިގެން ނުވާ ބާރެއްގެ ދަށުން، އެ ކޮމިޝަނުން ހިންގާފައިވާ ޢައިރު ދުސްތޫރީ އިޖްރާއާތަކީ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) އާއި، 159 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ހިންގާފައިވާ ބާޠިލް އިޖްރާއަތެއް ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އެގޮތުން ޢައިރު ދުސްތޫރީ ބާޠިލް އިޖްރާއާތެއްގެ ދަށުން ފަނޑިޔާރުން ވަކިކުރުމަށްފަހު، ޢައްޔަންކުރާ ފަނޑިޔާރުންނަކީ ވެސް ބާޠިލް އިޖްރާއާތެއްގެ ދަށުން ޢައްޔަންކުރެވިފައިވާ ފަނޑިޔާރުން ކަމުގައި މެނުވީ ނުވާނެ ކަމަށް ދީދީ ވިދާޅުވި އެވެ.
"ޖަދަލުގެ ބޭނުމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެވުނީ ޞައްޙަ އިޖްރާއާތެއްގެ ދަށުން ކަމުގައި ބެލި ނަމަވެސް، ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމުގެ ނަމުގައި (ޖޭއެސްސީ) އިން މިފަހަކަށް އައިސް ކުޅޭ ޑްރާމާ އަކީ އެއްވެސް ޙާލެއްގައި ޤާނޫނުއަސާސީގެ މަފްހޫމެއް އަދި ތަޞައްވުރެއް ވެސް ނޫނެވެ،" ދީދީ ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ ޤާނޫނުއަސާސީގެ ތަޞައްވުރަކީ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރަން ޖެހިއްޖެނަމަ ، ބާ އާއި ބެންޗް ގައި ހިމެނޭ "ރިނައުންޑް" ވަކީލުން/ފަނޑިޔާރުން ގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ފަރާތެއް ޢައްޔަންކުރުމާ މެދު ޖޭއެސްސީގެ މަޝްވަރާޔާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށް ފަހު ޢައްޔަންކުރުން ކަމަށެވެ.
އަދި ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ރައިސުލްޖުމްހޫރިއްޔާ އަށް ލަފާ ދިނުމުގެ ނަމުގައި، ފުރަތަމަ މަރުޙަލާގެ ކޯޓަކަށް ފަނޑިޔާރުން ޢައްޔަންކުރަން އިޢުލާންކުރާ ބީދައިން އިޢުލާންކޮށް ހިންގާ އެންމެހައި އިޖްރާއާތަކީ އެއްވެސް އަޞްލެއް ނެތް ބާޠިލް އިޖްރާއާތެއް ކަމަށް ދީދީ ވިދާޅުވި އެވެ.