Last Updated: June 2, 00:08
Sunday, June 1, 2025
މުނިފޫހިފިލުވުން

އައްޑޫ އީދު ޝޯ އަށް ރިޝީ އަންނަނީ

ބޮޑު އީދަށް އައްޑޫގައި ހިންގާ ހަރަކާތްތަތަކުގެ ތެރެއިން ބާއްވަން ހަމަޖެހިފައިވާ މިއުޒިކް ޝޯގައި ޕަފޯމް ކުރަން އިންޑިއާގެ ފަންނާނެ ކަމަށްވާ ރިޝީ ސިންގް އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޭނަ އަކީ 2023 ގައި ސޮނީ ޓީވީން ގެނެސްދިން "އިންޑިއަން އައިޑޮލް" ސީޒަން 13 ކާމިޔާބުކުރި ފަންނާނެވެ. އެ ޝޯ ކާމިޔާބު ކުރުމަށް ފަހު، ރިޝީ މިހާތަނަށް ވަރަށް ގިނަ ޝޯތައް ދީފައިވެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ އެކި ސިޓީތަކާއި އިންޑިއާ އިން ބޭރުގައި ވެސް އޭނަ އެތައް ޝޯއެއްގައި ޕަފޯމްކޮށްފައިވެ އެވެ.

"އިންޑިއަން އައިޑޮލް 13" އަށް ފަހު ރިޝީ އަމިއްލަ ބައެއް ސިންގަލްތައް ނެރެ، އޭނަގެ ބައެއް ލަވަތައް ވީޑިއޯ ލަވަތަކުގެ ގޮތުގައި ވެސް ނެރެފައިވެ އެވެ.

އުމުރުން 22 އަހަރުގެ ރިޝީ އަކީ އުއްތަރު ޕްރަދޭޝް އަށް ނިސްވަތްވާ ޒުވާނެކެވެ. އަދި އޭނަ އަކީ އާއިލާއަކުން އެޑޮޕްޓްކޮށް ގެންގުޅެ ބޮޑުކުރި މީހެކެވެ.

ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރަން އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "އައްޑޫ އީދި ސަމާ 1446" ގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 5-13 އަށެވެ. އެގޮތުން މީގެ ތެރޭގައި ހިމެނޭ މިއުޒިކް ޝޯ ބާއްވާނީ ހިތަދޫގަ އެވެ.

މިދިޔަ އަހަރު ބޮޑު އީދު ފާހަގަކުރަން ވެސް ކައުންސިލުން އިންޑިއާގެ ޒުވާން ފަންނާނެއް އައްޑު އަށް ގެނެސްފައިވެ އެވެ.