Last Updated: June 2, 00:08
Sunday, June 1, 2025
ޚަބަރު

މަރަދޫގައި ސިޓީ ހޮޓާތަކެއް ހިންގަން ބީލަމަށް

އައްޑޫ މަރަދޫގައި ސިޓީ ހޮޓާތަކެއް ތަރައްގީކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބިންތަކެއް ކުއްޔަށް ދޭން ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ދޫކުރަން ނިންމާފައ ވަނީ 35 ކޮޓަރީގެ ސިޓީ ހޮޓަލަކަށް 12،600 އަކަފޫޓްގެ ބިމަކާއި 50 ކޮޓަރީގެ ހޮޓަލަކަށް 21،771 އަކަފޫޓްގެ ބިމެއް ކަމަށެވެ.

ބިންތައް ދޫކުރަން ނިންމާފައި ވަނީ 50 އަހަރުގެ މުއްދަތަކަށެވެ.

ކައުންސިލުން ބުނީ ސިޓީ ހޮޓާތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ މަހުގެ 16 ވަނަ ދުވަހު ހެނދުނު އޮންލައިންކޮށް ބާއްވާނެ އެވެ.

މި ބީލަމަށް ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ އެވެ.

ސިޓީ ހޮޓާތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ކައުންސިލުން ބިޑް ޑޮކިއުމަންޓް ވިއްކާނީ އަންނަ މަހުގެ 12 އާ ހަމައަށެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ 2،000ރ. އެވެ.

މަރަދޫގައި ސިޓީ ހޮޓާތަކެއް ތަރައްގީކޮށް، ހިންގަން ހުޅުވައިލި އިރު، އައްޑޫގެ ހަތަރު އަވަށެއްގެ ޓޫރިޒަމް ޒޯންތަކުގައި ސިޓީ ހޮޓާ/ގެސްޓްހައުސްތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ކައުންސިލުން ދާދި ބިންތަކަށް ކުރިމަތިލާން ހުޅުވައިލި އެވެ. މީގެ އިތުރުން އައްޑޫގެ ފަޅުރަށެއް ކަމަށްވާ ސަވާހިލި ޓޫރިޒަމަށް ތަރައްގީ ކުރަން ދާދި ފަހުން ހުޅުވައިލި އެވެ.

އައްޑޫގައި ލޯކަލް ޓޫރިޒަމް ތަރައްގީކޮށް ފުޅާ ކުރުމުގެ ގޮތުން ކައުންސިލުން "އައްޑޫ، ބިޔޯންޑް އީކްއޭޓާ" ގެ ނަމުގައި މިދިޔަ އަހަރު ބްރޭންޑެއް ލޯންޗްކޮށް، އޭގެ ދަށުން އައްޑޫ ޕްރޮމޯޓް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ޗައިނާގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާގައި ވެސް އައްޑޫ ޕްރޮމޯޓް ކުރަން ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.