Last Updated: June 2, 06:10
Monday, June 2, 2025
މުނިފޫހިފިލުވުން

ދިޕިކާ ކެންސަރުގެ ދެވަނަ ސްޓޭޖްގައި

ފުރަމޭގައި އުފެދުނު ޓިއުމަރާ އެކު އިންޑިއާގެ ބަތަލާ ދިޕިކާ ކައްކަރަށް ކެންސަރު ޖެހިއްޖެ އެވެ.

މި ވާހަކަ އޭނަ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށް ބުނީ މިހާރު ހުރީ ކެންސަރުގެ ދެވަނަ ސްޓޭޖްގައި ކަމަށާއި މިއީ ވަރަށް ވެސް އުނދަގޫ ވަގުތެއް ކަމަށެވެ. ނަމަވެސް ބަލިން ރަނގަޅުވާނެކަމުގެ އުންމީދު އޮތް ކަމަށާއި ހެޔޮދޭ ފަރާތްތަކުގެ ހެޔޮދުއާ މި ވަގުތު ބޭނުންވާ ކަމަށް ދިޕިކާ ބުންޏެވެ.

އޭނަގެ ފުރަމޭގައި ޓިއުމަރެއް އުފެދިފައިވާކަން އެނގުނީ މި މަހުގެ ކުރީކޮޅު އެވެ. އެކަމާ ގުޅިގެން އާއިލާ އަށް ވަރަށް ބޮޑު ޝޮކެއް ވެސް ލިބިފައިވާ ކަމަށް ދިޕިކާގެ ފިރިމީހާ، އެކްޓަރު ޝުއައިބް އިބްރާހީމް ބުނެފައިވެ އެވެ.

މިހާރު ތިން އަހަރަށްދާ ފިރިހެން ކުއްޖަކު ވެސް ހުރި ދިޕިކާ، 38، އާއި ޝުއައިބް، 37، ކައިވެނިކުރީ 2018 ގަ އެވެ.

ދިޕިކާ އަކީ މަގުބޫލު ސިލްސިލާތައް ކަމަށްވާ "ސަސުރާލު ސިމަރު ކާ" އާއި "ކަހާ ހަމް، ކަހާ ތުމް" ގެ ބަތަލާ އެވެ. ދާދި ފަހުން ކަލާސް ޓީވީން ނިންމައިލި "ސެލެބްރިޓީ މާސްޓަޝެފް" ގައި އޭނަ ވާދަކޮށްފައިވާ އިރު، މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 12 ގައި ވާދަކޮށް އެ ޝޯ ކާމިޔާބު ވެސް ކޮށްފައިވެ އެވެ.