Last Updated: May 30, 21:29
Saturday, May 31, 2025
ދުނިޔެ

ލަންކާ އިން އެއް މިލިއަން ޓޫރިސްޓުން ހަމަކޮށްފި

މި އަހަރުގެ މިހާތަނަށް ސްރީ ލަންކާ އަށް މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.

އެ ގައުމުގެ ޓޫރިޒަމް މިނިސްޓްރީން ބުނީ އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރަހަބާ ކިއީ މި މަހުގެ 25 ގައި ކަމަށެވެ. މިއީ މިހާރު ޓޫރިޒަމް ވަރަށް ބޮޑަށް ޕްރޮމޯޓް ކުރަމުން އަންނަ ލަންކާ އަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

ލަންކާ އަށް އެއް މިލިއަން ޓޫރިސްޓުން މިދިޔަ އަހަރު ހަމަކުރެވުނީ ޖުލައި މަހުގެ ތެރޭގަ އެވެ.

ލަންކާގެ ޓޫރިޒަމް މިނިސްޓަރު ވިޖިތާ ހެރަތު ވިދާޅުވީ އަހަރުގެ ފުރަތަމަ ފަސް މަހުގެ ތެރޭގައި އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރުމަކީ ވަރަށް ބޮޑު ކާމިޔާބިއެއް ކަމަށެވެ. އެހެންވެ މި އަހަރަށް ޓާގެޓްކޮށްފައި އޮތް ތިން މިލިއަން ޓޫރިސްޓުން އަހަރު ނިމުމުގެ ކުރިން ހަމަވާނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ވިދާޅުވި އެވެ.

މި މަހުގެ މިހާތަނަށް އެކަނި ވެސް ލަންކާ އަށް 109،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އެ ގައުމަށް އެންމެ ގިނަ ޓޫރިސްޓުން ދަނީ އިންޑިއާއިންނެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އިނގިރޭސިވިލާތުންދާ އިރު، ތިން ވަނައިގައި އޮތީ ޗައިނާ އެވެ.

ލަންކާ އަށް މިދިޔަ އަހަރު 2.05 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެެ.