ރައީސް އޮފީހާއި ރާއްޖޭގައި ހުންނަ އިނގިރޭސި ހައި ކޮމިޝަން ގުޅިގެން، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ރާއްޖޭގެ ޤައުމީ މުއައްސަސާތަކާ އެކު ކުރިއަށް ގެންދިޔަ "އަމާން އައްސޭރި" ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ޓޭބަލްޓޮޕް އެކްސަސައިޒެއްގެ ގޮތުގައި ކުރިއަށްގެން ދިޔަ ދެ ދުވަހުގެ މި ހަރަކާތުގައި، ނެޝަނަލް ޓެރަރިޒަމް ރެސްޕޯންސް ޕްލޭން (އެންޓީއާރްޕީ) ޓެސްޓްކޮށްފައިވެ އެވެ.
މި އެކްސަސައިޒަކީ، ޓެރަރިޒަމާ ގުޅުންހުރި ކުއްލި ނުރައްކާތަކާ ކުރިމަތިލާން ތައްޔާރުވެވިފައިވާ މިންވަރާއި، އެފަދަ ޙާލަތެއްގައި މުވައްސަސާތަކުގެ މެދުގައި އެއްބާރުލުން ދެވޭ މިންވަރު ދެނެގަނެ، ޤާބިލުކަން ހުރި- ނެތް މިންވަރާއި، އެ ކަންކަން ހަރުދަނާ ކުރަން ނިންމަންޖެހޭ ނިންމުންތައް ދެނެގަތުމަށް ބޭއްވި މުހިންމު އެކްސަސައިޒެކެވެ.
"އަމާން އައްސޭރި" އާއި އެންޓީއާރްޕީގެ އަމާޒަކީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ދަމަހައްޓައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހުމިއްޔަތުކަމަށް ޢަމަލީ ސިފަ ގެނަސް، ޤައުމީ ސަލާމަތަށް ސަރުކާރުން ކުރާ މަސައްކަތް ހަރުދަނާ ކުރުމެވެ.
މި ހަރަކާތުގައި ސަރުކާރުގެ 11 ވުޒާރާ އެއް ތަމްސީލުކޮށް އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންފައިވެ އެވެ. މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި އިސްވެރިން ވަނީ އިސްތިރާޖީ ފެންވަރުގެ މަޝްވަރާތައް ކުރައްވައި، ޢަމަލީ ނަތީޖާ ނެރެވޭ ފަދަ ހުށަހެޅުންތައް ހުށަހަޅުއްވައިފަ އެވެ.
މި މަހުގެ 26 އާއި 27 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި "އަމާން އައްސޭރި" އިންތިޒާމުކޮށް ދިނީ އިނގިރޭސި ހައި ކޮމިޝަނުންނެވެ.