ބަނގަލުރުގެ ވިޔަފާރި ކުރަމުން ދިޔަ ތިން ބިދޭސީއަކު އަނެއްކާ ވެސް ހައްޔަރުކޮށް، އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ފުލުހުން ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ތިން މީހެކެވެ.
އެ ތިން މީހުން ހައްޔަރުކުރީ ފުލުހުންގެ ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 26 ގަ އެވެ.
ހައްޔަރުކުރި ތިން މީހުންނަކީ ސަހަޔާ އަޖިން ފްރެންޗިސް، 27، އާއި ކަރުއްޕިއަހް ސުއްބައިއާ، 52، ގެ އިތުރުން ސައުތަރާ ރަޖަން އަނަންޗާ ޕެރުމަލް، 49، އެވެ.
ފުލުހުން ބުނީ އެ މީހުން މާލޭ މަގެއްގެ މަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 30 ފުޅި އާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ލީޓަރުގެ ތިން ފުޅި ވެސް ފެނިފައިވާ ކަމަށެވެ.
ތިން މީހުން ވެސް ޑީޕޯޓުކުރުމަށް މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރަމުން ދިޔަ ބަނގްލަދޭޝްގެ ތިން މީހަކު ވެސް މިދިޔަ ހަފުތާގައި ހައްޔަރުކޮށް ޑީޕޯޓް ކުރަން އިމިގްރޭޝަނާ ހަވާލުކޮށްފައިވެ އެވެ.