ބޮލީވުޑްގެ ތަރި، އިމްރާން ހާޝިމީ މުހިއްމު ރޯލެއް ކުޅޭ ފުރަތަމަ ތެލެގޫ ފިލްމު "އޯޖީ" ގެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް ޑެންގޫ ޖެހިގެން އޭނަ އަށް ވަގުތީ ގޮތުން ފިލްމުގެ މަސައްކަތްތަކާ ދުރުވާން ޖެހިއްޖެ އެވެ.
މީޑިއާތަކުން މިއަދު ބުނީ އިމްރާނަށް ޑެންގޫ ޖެހުނީ މުމްބާއީގެ ގޯރޭގާއޯންގެ އާރޭ ކޮލޮނީގައި ފިލްމުގެ ޝޫޓިންގައި އުޅެނިކޮށް ކަމަށެވެ. އޭނަ ބަލިވުމާ ގުޅިގެން ފަރުވާ ހޯދަން ފަށާފައިވާ އިރު، އަރާމު ކުރަން ޑޮކްޓަރު ވަނީ ލަފާ ދީފަ އެވެ. އެހެންވެ އެންމެ މަދުވެގެން ވެސް ހަފުތާއެއްހާ ދުވަހު އިމްރާނަށް ގޭގައި މަޑުކުރަން ޖެހޭނެ އެވެ.
ޕަވަން ކަލިއަން ލީޑް ރޯލު ކުޅޭ "އޯޖީ" ގެ ޓީމުން ބުނީ އިމްރަނަކީ ވަރަށް ޕްރޮފެޝަނަލް އެކްޓަރެއް ކަމަށާއި އޭނަ އަށް ކުރިމަތިވި ސިއްހީ ހާލަތުގެ ސަބަބުން މަސައްކަތްތާ ދުރުވާން ޖެހުނަސް މި ދަނޑިވަޅަކީ އޭނަގެ ސިއްހަތަށް އިސްކަން ދޭން ޖެހޭ ވަގުތެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެހެންވެ އިމްރާން ބަލިން ފަސޭހަވިހާ އަވަހަކަށް އޭނަގެ ޝޫޓިން އަލުން ފަށާނެ ކަމަށް ފިލްމުގެ ޓީމުން ބުންޏެވެ.
"އޯޖީ" އަކީ މި އަހަރުގެ ސެޕްޓެމްބަރު 25 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. އޭގައި އިމްރާން ފެންނާނީ ވިލަންއެއްގެ ރޯލުންނެވެ.
"މާޑާ" އާއި "ޖަންނަތު" އަދި "ޒެހެރް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އިމްރާން، 46، ގެ އެންމެ ފަހުގެ ފިލްމަކީ އެޕްރީލްގައި ރިލީޒްކުރި ވަތަނީ އެކްޝަން ތުރިލާ "ގްރައުންޑް ޒީރޯ" އެވެ.