Last Updated: May 30, 21:29
Saturday, May 31, 2025
ރިޕޯޓް

ޙައްޖު މަހުގެ ފުރަތަމަ 10 ހާއްސަވީ ކީއްވެ؟

ލޮބުވެތި އަޚާ އެވެ. މި 10 ދުވަސް (ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސް) މާތްވެގެންވާ ސަބަބުތަކެއްވެ އެވެ. އޭގެ ތެރެއިން ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ.

1. الله تعالى ވަނީ މި ދުވަސްތައް ގަންދެއްވައި ހުވާ ވަޙީކުރައްވާފައެވެ. އެއްޗެއް މެދުވެރިކޮށް ހުވާ ކުރެއްވުމަކީ އެކަމުގެ މުހިންމުކަމާއި އެކަމެއްގެ މަންފާގެ މަތިވެރިކަން ދަލީލުކޮށްދޭ ކަމެކެވެ. الله تعالى ވަޙީކުރެއްވި އެވެ.
وَالْفَجْرِ * وَلَيَالٍ عَشْر [1]
މާނައީ: “ފަތިސް ވަގުތު ގަންދެއްވައި الله ހުވައި ވަޙީކުރައްވަ އެވެ. އަދި ދިހަ ރޭ ގަންދެއްވައި الله ހުވައި ވަޙީކުރައްވަ އެވެ.”

އިބްނު ޢައްބާސް, އިބްނުއް ޒުބައިރު, މުޖާހިދު رضي الله عنهم އަދި ސަލަފުންނާއި ޚަލަފުންގެ ތެރެއިން އެއް ބޭކަލަށްވުރެ ގިނަ ބޭކަލުން ވަނީ މި ދިހަ ދުވަހަކީ އެއީ ޙައްޖުމަހުގެ ދިހަ ދުވަސް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި އިބްނު ކަޘީރު رحمه الله ވިދާޅުވިއެވެ. “(މިކަމުގައި) ޞައްޙަ ގޮތަކީ އެއީ އެވެ.” [2]

2. ނަބިއްޔާ ﷺ ވަނީ މި ދިހަ ދުވަހަކީ ދުނިޔެ މަތީގައިވާ އެންމެ މާތްވެގެންވާ ދުވަސްތައްކަމުގައި ހެކިވެވަޑައިގެންފައެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
ما من أيام العمل الصالح فيهن أحب إلى الله من هذه الأيام العشر -أي: عشر ذي الحجة- قالوا: يا رسول الله! ولا الجهاد في سبيل الله؟ قال: ولا الجهاد في سبيل الله، إلا رجل خرج بنفسه وماله فلم يرجع من ذلك بشيء [3]
މާނައީ: “ހެޔޮ ޢަމަލު ކުރުމަށް، މި ދިހަ ދުވަހަށް ވުރެ (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ.”

އެބޭކަލުން ވިދާޅުވިއެވެ. “އޭﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް ބޮޑަށް ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށެވެ. އޭނާގެ ނަފްސާއި މުދަލުން ޖިހާދުކުރުމަށް ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނާންނަ މީހާ ފިޔަވަ އެވެ.”

3. މި ދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުމަށް ވަނީ ބާރުއަޅުއްވާފަ އެވެ. އެހެނީ ޒަމާނުގެ ގޮތުން މިއީ ޝަރަފުވެރި ދުވަސްތަކެކެވެ.

4. މި ދުވަސްތަކުގައި ތަސްބީޙަ ކިޔުމާއި، ތަޙްމީދާއި ތަކްބީރު ކިޔުން ގިނަކުރުމަށް ވަނީ އަމުރުކުރައްވާފަ އެވެ. ޢަބްދުﷲ ބުން ޢުމަރު رضي الله عنهما ގެ ކިބައިން އައިސްފައިވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
ما من أيام أعظم عند الله ولا أحب إليه العمل فيهن من هذه الأيام العشر فأكثروا فيهن من التهليل والتكبير والتحميد. [4]
މާނައީ: “(ހެޔޮ) ޢަމަލު ކުރުމަށް، މި ދިހަ ދުވަހަށް ވުރެ (ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު އަދި މަތިވެރި ވެގެންވާ ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން މި ދުވަސްތަކުގައި ތަހްލީލާއި، ތަކްބީރާއި އަދި ތަޙްމީދު ކުރުން ގިނަކުރާށެވެ.”

5. މި ދުވަސްތަކުގައި ޢަރަފާތް ދުވަސް ހިމެނިގެންވެ އެވެ. ޢަރަފާތް ދުވަހަކީ އެދުވަހެއްގައި ﷲ ދީން ފުރިހަމަ ކުރެއްވިކަމަށް އަންގަވައި ވަޙީކުރެއްވި ދުވަހެވެ. އަދި ޢަރަފާތް ދުވަހުގަައި ރޯދަ ހިފުމަކީ ދެ އަހަރު ދުވަހުގެ ފާފަތައް ފުހެވިގެން ދާނެ ކަމެކެވެ. އަދި މި ދިހަ ދުވަހުގައި ނަޙްރުގެ ދުވަސް ވެސް ވެ އެވެ.

ނަޙްރުގެ ދުވަހަކީ އަހަރުގެ އެންމެ މާތްވެގެންވާ ދުވަހެވެ. މިއީ އެ ދުވަހެއްގައި، ކިޔަމަންވެރިކަމާއި އަޅުކަންތަކުގެ ތެރެއިން އެހެން ދުވަހެއްގައި ޖަމާނުވާ ކަންކަން ޖަމާވާ ޙައްޖުގެ ދުވަހެވެ.

[1] سورة الفجر (2,1)
[2] تفسير ابن كثير (8/413)
[3] صحيح البخاري (969)، سنن أبي داود (2438) ، سنن ابن ماجه (1727)، سنن الدارمي (1814)، مسند أحمد (1968)
[4] أخرجه أحمد (5446) واللفظ له، وعبد بن حميد (805)، والطحاوي في “شرح مشكل الآثار” (2971)

މަސްދަރު: އިލްމު.އެމްވީ