Last Updated: May 30, 21:29
Saturday, May 31, 2025
މުނިފޫހިފިލުވުން

'ލަގް ޖާ ގަލޭ' އަށް ޓައިގާ އާއި ޖާންވީ

ޓައިގާ ޝްރޮފާއި ޖާންވީ ކަޕޫރް "ލަގް ޖާ ގަލޭ" ކިޔާ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދަން ނިންމާފައިވާ ރިވެންޖް އެކްޝަން ލަވް ސްޓޯރީއެއް ކަމަށެވެ. "ލަގް ޖާ ގަލޭ" ޑައިރެކްޓް ކުރާނީ ދަރުމާގެ ކާމިޔާބު ފިލްމުތަކެއް ކަމަށްވާ "ގުޑް ނިއުސް" އާއި "ޖުގް ޖުގް ޖިއޯ" ގެނެސްދިން ރާޖް މެހެތާ އެވެ.

މީޑިއާތަކުން ބުނީ "ލަގް ޖާ ގަލޭ" ގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށަން ފްލޭންކޮށްފައިވާ ކަމަށާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ.

މި ފިލްމު ވާނީ ޓައިގާ އާއި ޖާންވީ އެކީގައި ކުޅޭ ފުރަތަމަ ފިލްމަށެވެ. ފާހަގަކޮށްލެވޭ ކަމަކީ ޓައިގާގެ ބައްޕަ ޖެކީ ޝްރޮފާއި ޖާންވީގެ މަންމަ ކުރީގެ ބަތަލާ ސްރީދޭވީ އަކީ ވެސް އެކީގައި ފިލްމުތަކެއް ކުޅެފައިވާ ދެ ތަރިންކަމެވެ. އެހެންވެ ދެ ތަރިންގެ ދަރިންތަކެއް އެކީގައި އެއް ފިލްމަކުން ފެނުން ވެގެން ދާނީ ބެލުންތެރިންނަށް ހަމަގައިމު ވެސް ވަރަށް ހާއްސަ ކަމަކަށެވެ.

ޖެކީ އާއި ސްރީދޭވީ އެކީގައި ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި 1987 ގެ "ޖަވާބު ހަމް ދޭ ގޭ" އާއި 1990 ގެ "ޕައްތަރު ކޭ އިންސާން" ހިމެނެ އެވެ.