ފުވައްމުލަކު ސިޓީގައި ގާއިމްކުރާ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ލެބޯޓަރީ އަދި ތަމްރީނު މަރުކަޒަށް ބޭނުންވާ ބައެއް ތަކެތި ފުވައްމުލަކު ސިޓީ ކައުންސިލާއި ހަވާލުކޮށްފި އެވެ.
މި ރަސްމިއްޔާތުގައި ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ޖަޕާނުގެ ސަފީރު އިޝިގާމީ ރުމިކޯ، ޔޫއެންޑީޕީގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެޒެންޓެޓިވް ޕެކް ޗުއާން ގާން، އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އިސްމާޢީލް ރަފީޢުގެ އިތުރުން އެކައުންސިލްގެ މުވައްޒަފުން ބައިވެރިވި އެވެ.
މިއީ ދިވެހި ސަރުކާރާއި، ޖަޕާނު އަދި ޔޫއެންޑީޕީ އާއި ގުޅިގެން ހިންގާ ޕްރޮޖެކްޓުގެ ދަށުން ޤާއިމުކުރެވޭ ތަނެކެވެ. މިތަނުން ދަނޑުވެރިކަމާއި ގުޅުންހުރި ތަމްރީންތައް ހިންގުމުގެ އިތުރުން، ޒަމާނީ، ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ބޭނުންވާ ކަންކަން އިންތިޒާމުވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި ސަރުކާރުގެ އަމާޒަކީ ދިވެހި ދަނޑުވެރިކަން ދެމެހެއްޓެނެވި ގޮތުގައި ތަރައްޤީކޮށް، ކާނާގެ ޔަޤީކަން އިތުރުކުރުން ކަމަށްވެސް މިނިސްޓްރީން ހާމަކުރެ އެވެ.