'ވާނުވާ ބަންދު' ގައި ތިބި މީހުން ޓެގް އަޅުވައި ދޫކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފަށާފައިވާ ކަމަށެވެ.
"މިއަދު މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ މި މައްސަލައަށް ހައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވޭނެ." ރައީސް ވިދާޅުވި އެވެ.
ވާނުވާ ޖަހައިފައިވާ މީހެއްގެ ބަންދަށް ލުއި ދިނުމުގެ ކުރިން އެ މީހެއްގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަންނާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. އެގޮތުން، އެ މީހުން މޮނިޓާ ކުރެވޭނެ ގޮތަށް ޝަރުތުތަކަކާ އެކު މުޖުތަމައު ތެރެއަށް ދޫކޮށްލައިފި ނަމަ، އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުންނާއި ކަރެކްޝަންސް މެދުވެރިކޮށް ޚާއްޞަ އެސެސްމަންޓެއް ތައްޔާރުކުރާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
އެ އެސެސްމަންޓު ތައްޔާރުކުރާނީ ޕީޖީ އޮފީހުގެ އެންގުމަށް ފުލުހުންނެވެ. އެސެސްމެންޓުގައި ބަންދަށް ލުއި ދެވޭ މީހުން މޮނިޓަކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރަން ވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ ފުލުހުން ފޮނުވާ އެސެސްމަންޓް އެ އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިއާޔަތްކޮށް ބަންދަށް ލުއި ދެވޭނެ ކަމަށް އެ އޮފީހަށް ފެންނަނަމަ ކަމަށެވެ. އެއަށް ފަހު ބަންދަށް ލުއި ދޭން ކޯޓަށް ހުށަހަޅާނެ ކަމަށާއި، ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތުތަކެއްގެ ގޮތުގަ އެވެ.
އެ މުއްދަތު ހަމަވުމުން ޕީޖީ އޮފީހުން ޝަރުޠުތައް މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށާއި އެ މުއްދަތުގައި އޭނަގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުޠަކާ ޚިލާފުވެއްޖެ ނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް އެ ވެސް ޕީޖީ އޮފީހުން ބުންޏެވެ.