Last Updated: May 31, 06:06
Saturday, May 31, 2025
ޚަބަރު

އާމްދަނީ އިތުރުވެ، 14.9 ބިލިއަން ރުފިޔާއަށް އަރައިފި

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް 14.9 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރު އެ މުއްދަތާ އަޅައިބަލާއިރު 5.6 އިންސައްތަ އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 11.6 ބިލިއަން ރުފިޔާ އެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 77.8 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

އަދި ޓެކުހާއި ޓެކްސް ނޫން އާމްދަނީ ހިމެނޭހެން، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.6 އިންސައްތައިން އިތުރުވެފަ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 37.3 އިންސައްތަ، މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 28.0 އިންސައްތައެވެ.

ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 13.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 17.9 އިންސައްތަ ދަށް ޢަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދު 3.8 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 64.2 އިންސައްތައިން ދަށްވެފަ އެވެ.