Last Updated: May 31, 06:26
Saturday, May 31, 2025
ޚަބަރު

ބީއެމްއެލްގެ ހިއްސާއަަކަށް 55ރ. ބަހަން ފާސްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 55 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި އަހަރީ ޖަލްސާގައި އެގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި 481 ހިއްސާދާރުންގެ ވޯޓުންނެވެ.

މިއީ ބޭންކުގެ ތާރީޚުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފު ވިދާޅުވީ މި ރެކޯޑު އަދަދުގެ ފައިދާއަކީ ބޭންކުގެ ވިޔަފާރީގެ ހަރުދަނާކަމާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"ބޭންކަށް ކަސްޓަމަރުންނާއި ހިއްސާދާރުން ދެއްވާ އެއްބާރުލެއްވުމަށާއި ކުރައްވާ އިތުބާރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެން ކުރިމަގުގައިވެސް މާލީ ކުރިއެރުން ހޯދުމާއެކު، އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ދެމި ތިބޭނަން." ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ ހިއްސާގެ ފައިދާ ލިބޭނީ ބުކް ކްލޯޝާ ޑޭޓްއާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.