ރެއާލް ބެޓިސް 4-1 އިން ބަލިކޮށް، ޗެލްސީން ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މި ތަށްޓާ އެކު، ޗެލްސީން ވެގެން ގޮސްފައިވަނީ ޔޫރަޕްގެ ހުރިހާ ލެވަލެއްގެ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ. ޗެލްސީން ވަނީ ޗެމްޕިއަންސް ލީގު ދެ ފަހަރު، ޔޫރޮޕާ ލީގު ދެ ފަހަރު، ޔުއެފާ ސުޕަ ކަޕާއި ކަޕް ވިނާސް ކަޕް ވެސް ދެ ފަހަރު އަދި ކޮންފަރެންސް ލީގު ކާމިޔާބުކޮށްފަ އެވެ.
ޕޮލެންޑުގައި ކުޅުނު ފައިނަލް މެޗު ފަށައިގެން ނުވަ ވަނަ މިނެޓްގައި އިސްކޯ ތަނަވަސްކޮށްދިން ފުރުސަތަކުން އަބްދެ އެޒަލްޒޫލީ ވަނީ ބެޓިސް އަށް ލީޑު ނަގައިދީފަ އެވެ.
ބެޓިސް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، މެޗުގެ 65 ވަނަ މިނެޓްގައި ކޯލް ޕާމާ ނަގައިދިން ހުރަހަކުން އެންޒޯ ފެނާންޑޭޒް ވަނީ ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި އޭގެ ފަސް މިނިޓް ފަހުން، ޕާމާ ނެގި ހުރަހަކުން ނިކޮލަސް ޖެކްސަން ބޮލުން ފޮނުވާލި ހަމަލާއަކުން ޗެލްސީން ވަނީ ލީޑު ނަގައިފަ އެވެ.
ޗެލްސީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ޖޭޑަން ސަންޗޯ އެވެ. މެޗުގެ 83 ވަނަ މިނެޓްގައި ސަންޗޯ މި ގޯލު ކާމިޔާބުކުރީ ބެޓިސްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. އަދި ޗެލްސީގެ ހަތަރުވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދީފައިވަނީ މޮއިސެސް ކައިސޭޑޯ އެވެ.