އިލެކްޓްރޯނިކް މޮނިޓަރިން ޓެގްގެ ނިޒާމު ގާއިމުކުރީ ރައީސުލްޖުމްހޫރިއްޔާގެ ގާތް މީހުން މަގުމައްޗަށް ދޫކޮށްފައި ބައިތިއްބަން ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވި އިރު، 'ވާނުވާ ބަންދު' ގައި ތިބި މީހުން ޓެގް އަޅުވައި ދޫކުރުމުގެ މަސައްކަތް ސަރުކާރުން އިއްޔެ ވަނީ ފަށައިފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ އިލެކްޓްރޯނިކް މޮނިޓަރިން ޓެގްގެ ނިޒާމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގާއިމުކުރި ނިޒާމެއް ކަމަށާއި އެ ނިޒާމް ޤާއިމުކުރީ ބޮޑެތި ކުށްކުރާ މީހުންގެ ތެރޭގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާގެ ތިމާގެ ބޭފުޅުންނާއި ރައްޓެހިންނާއި ހިއްޕުޅާވާ ބޭފުޅުން މަގުމައްޗަށް ދޫކޮށްފައި ބައިތިއްބަން ނޫން ކަމަށެވެ.
"ތިޔަ ހައްދަނީ ވަރަށްބޮޑު ގޯހެއް. ހުރިހާ ރައްޔިތުން ތިޔަ ވައްޓަވާލައްވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް. ތިޔަ އުޅުއްވަނީ ކޮންބައެއް ދޫކޮށްލައްވަންކަން އަޅުގަނޑުމެންނަށް އެނގޭ،" އިމްރާން ވިދާޅުވި އެވެ.
އިލެކްޓްރޯނިކް މޮނިޓަރިންގްޓެގްގެ ނިޒާމަކީ ރައީސް އިބްރާހިމް މުޙަންމަދު ޞާލިޙްގެ ވެރިކަމުގައި އަޅުގަނޑުމެން ޤާއިމް ކުރި ނިޒާމެއް.
އެ ނިޒާމް ޤާއިމް ކުރީ ބޮޑެތި ކުށްކުރާމީހުންގެ ތެރޭގައި ހިމެނޭ،ރައީސުލް ޖުމްހޫރިއްޔާގެ ތިމާގެ ބޭފުޅުންނާއި ރައްޓެހިންނާއި ހިއްޕުޅާވާ ބޭފުޅުން… https://t.co/MGgenTY4LE— Imran Abdulla (@ShimranAb) May 28, 2025
ވާނުވާ ޖަހައިފައިވާ މީހެއްގެ ބަންދަށް ލުއި ދިނުމުގެ ކުރިން އެ މީހެއްގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަންނާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. އެގޮތުން، އެ މީހުން މޮނިޓާ ކުރެވޭނެ ގޮތަށް ޝަރުތުތަކަކާ އެކު މުޖުތަމައު ތެރެއަށް ދޫކޮށްލައިފި ނަމަ، އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުންނާއި ކަރެކްޝަންސް މެދުވެރިކޮށް ޚާއްޞަ އެސެސްމަންޓެއް ތައްޔާރުކުރާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
އެ އެސެސްމަންޓު ތައްޔާރުކުރާނީ ޕީޖީ އޮފީހުގެ އެންގުމަށް ފުލުހުންނެވެ. އެސެސްމެންޓުގައި ބަންދަށް ލުއި ދެވޭ މީހުން މޮނިޓަކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރަން ވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދެވޭނީ ފުލުހުން ފޮނުވާ އެސެސްމަންޓް އެ އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިއާޔަތްކޮށް ބަންދަށް ލުއި ދެވޭނެ ކަމަށް އެ އޮފީހަށް ފެންނަނަމަ ކަމަށެވެ. އެއަށް ފަހު ބަންދަށް ލުއި ދޭން ކޯޓަށް ހުށަހަޅާނެ ކަމަށާއި، ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތުތަކެއްގެ ގޮތުގަ އެވެ.
އެ މުއްދަތު ހަމަވުމުން ޕީޖީ އޮފީހުން ޝަރުޠުތައް މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށާއި އެ މުއްދަތުގައި އޭނަގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުޠަކާ ޚިލާފުވެއްޖެ ނަމަ، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް އެ ވެސް ޕީޖީ އޮފީހުން ބުންޏެވެ.