Last Updated: May 31, 07:56
Saturday, May 31, 2025
މުނިފޫހިފިލުވުން

'ބޮޑު ޕްރޮޖެކްޓަކަށް" ރިތިކް ސޮއިކޮށްފި

އިންޑިއާގެ އެންމެ ބޮޑެތި ފިލްމު ޕްރޮޑަކްޝަން ހައުސްތަކުގެ ތެރޭގައި ހިމެނޭ ހޮމްބާލޭ ފިލްމްސްގެ "ބޮޑު ޕްރޮޖެކްޓަކަށް" ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން ސޮއިކޮށްފި އެވެ.

އިންޑިއާގެ ދެކުނަށް ނިސްބަތްވާ ޕްރޮޑަކްޝަން ހައުސްއިން އެކަން އިއުލާންކުރީ އިއްޔެ އެވެ. ހޮމްބާލޭ ފިލްމްސް އަކީ "ކޭޖީއެފް" އާއި "ކަންޓާރާ" އަދި "ސަލާރު" ފަދަ ބޮޑެތި ހިޓްތައް ގެނެސްދިން ސްޓޫޑިއޯ އެވެ. މީގެ 13 އަހަރު ކުރިން ފެށިގެން ފިލްމު އުފައްދައި، ޑިސްޓްރިބިއުޓް ކުރަމުން އަންނަ ހޮމްބާލޭ ފިލްމްސް އިން އާންމުކޮށް ހަދަނީ ތެލެގޫ، ތަމަޅަ، ކަންނާޑާ އަދި މަލަޔާޅަމް ފިލްމުތަކެވެ.

އެހެންވެ ރިތިކްއާ އެ ސްޓޫޑިއޯ އިން ހަދަން އިއުލާންކުރި ފިލްމު ވާނީ އެތަނުގެ ފުރަތަމަ ހިންދީ ފިލްމަށެވެ. ނަމަވެސް މިއާ ބެހޭއިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ހޮމްބާލޭ އިން މި ޕްރޮޖެކްޓްގެ ވާހަކަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި އިއުލާންކުރުމާ އެކު، އެ ރީޕޯސްޓްކޮށް، އޭގެ މަސައްކަތް ލުކްފޯވާޑްކުރާ ކަމަށް ރިތިކް ބުންޏެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ އޮގަސްޓް 14 އަށް ތާވަލުކޮށްފައި އޮތް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ "ވޯ 2" އެވެ. އަޔާން މުކަރްޖީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުހެ ކާސްޓްގައި މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ އާއި ކިއާރާ އަދުވާނީ ވެސް ހިމެނެ އެވެ.

ރިތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" އެވެ. އޭނަ މިހާރު އޮތީ ފިލްމެއް ޑައިރެކްޓްކޮށް ކުޅެން ވެސް އިއުލާންކޮށްފަ އެވެ. އެއީ އަމިއްލަ ސުޕަހީރޯ ފްރެންޗައިޒް "ކްރިޝް" ގެ ހަތަރު ވަނަ ބައެވެ.