ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން އަދި މޮޑެލް ހެއި؛ލީ ބީބާގެ ސްކިންކެއާ/މޭކަޕް ބްރޭންޑް، "ރޯޑް" އެއް ބިލިއަން ޑޮލަރަށް ކޮސްމެޓިކް ކުންފުނި އެލްފް ބިއުޓީ އަށް ވިއްކާލައިފި އެވެ.
މީޑިއާތަކުން ބުނީ ދެ ކުންފުނީގެ މެދުގައި ކުރިއަށް ގެންދިޔަ މި ޑީލްގެ ދަށުން ހެއިލީގެ ބްްރޭންޑަށް ނަގުދު ފައިސާ އާއި ހިއްސާގެ ފައިދާގެ ގޮތުގައި 800 މިލިއަން ޑޮލަރު ލިބޭނެ ކަމަށާއި ބާކީ 200 މިލިއަން ބްރޭންޑްގެ ކުރިއަށް ހުރި ވިޔަފާރިތަކުން ލިބޭނެ ކަމަށެވެ.
ހެއިލީ "ރޯޑް" ލޯންޗްކުރީ 2022 ގަ އެވެ. އޭގެ ފަހުން މި ބްރޭންޑްވެފައި ވަނީ ޒީ-ޖެންގެ މެދުގައި ވަރަށް މަގުބޫލު ބްރޭންޑަކަށެވެ. މިދިޔަ އަހަރު އެކަނި ވެސް "ރޯޑް" އަށް 212 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
ހެއިލީ ބުނީ "ރޯޑް" އެލްފަށް ވިއްކައިލަން ނިންމީ އެ ބްރޭންޑް އިތުރަށް ވަރުގަދަ ކުރަން ކަމަށާއި އެލްފަކީ ވަރަށް އިތުބާރު ކުރެވޭ އަދި އޭނަގެ ވިސްނުމާ ވެސް ވަރަށް އެއްގޮތަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ.
"މީގެ ދަށުން ބިއުޓީ ދާއިރާ އިން އާ ބާބަކަށް އަހަރެމެން މި ނުކުންނަނީ." ހެއިލީ ބުންޏެވެ.
އެލްފް އަށް "ރޯޑް" ވިއްކައިލި ނަމަވެސް އެ ބްރޭންޑްގެ ސްޓްރެޓިޖިކް އެޑްވައިޒަރެއްގެ ދައުރު ހެއިލީ އަދާކުރާނެ އެވެ.
އަހަރެއްވާން ކައިރިވެފައިވާ ފިރިހެން ދަރިޔަކު ވެސް މިހާރު އޮތް ހެއިލީ، 28، އާއި ބީބާ، 31، ކައިވެނިކުރީ 2018 ގަ އެވެ.