ސައުދީ އަރަބިއްޔާގައި ބާއްވާ ޤުރުއާން މުބާރާތެއްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މިއީ މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 45 ވަނަ "ކިންގް ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް ކޮމްޕެޓިޝަން ފޮ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން" ކަމަށެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެ އަށް ވަނީ ލިބިފައިވާތީ މުބާރާތުގެ ދެ ކެޓެގަރީގައި، ކޮންމެ ކެޓެގަރީއަކުން މީހަކު ބައިވެރި ކުރަން ހަމަޖެހިފައިވެ އެވެ. މުބާރާތް ހާއްސަކޮށްފައި ވަނީ ފިރިހެނުންނެވެ.
މުބާރާތުގެ ޝަރުތުތަކުގެ ތެރޭގައި ހިޖްރީ ގޮތުން ޢުމުރުން 25 އަހަރު ފުރިފައި ނުވުމާއި ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުމުގެ އިތުރުން މި މުބާރާތުގައި ކުރިން ބައިވެރިވެފައިވާ މީހަކަށް ނުވުން ހިމެނެ އެވެ.
މުބާރާތް ހާއްސަކޮށްފައިވާ ދެ ކެޓަގަރީ އަށް ބަލާ އިރު، މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓެގަރީގައި ބައިވެރިވެވޭނީ ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ މީހުންނަށެވެ. އަދި ރަނގަޅަށް ތަޖުވީދުގެ ޙުކުމްތަކާ އެކު ކިޔަވަން އެނގޭ ފަރާތަކަށް ވާން ޖެހެ އެވެ.
އަނެއް ކެޓަގަރީ އަކީ ވިދިވިދިގެން ޤުރްއާނުގެ 15 ފޮތް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔަވަން ޖެހޭ ކެޓަގަރީ އެވެ. މި ކެޓެގަރީގައި ބައިވެރި ވެވޭނީ ވިދިވިދިގެން ޤުރްއާންގެ 15 ފޮތް ތަރުތީބުން ހިތުން ދަސް ފަރާތްތަކަށެވެ. އަދި ރަނގަޅަށް ތަޖުވީދުގެ ޙުކުމްތަކާ އެކު ކިޔަވަން އެނގެން ޖެހޭނެ އެވެ.
އެހެންވެ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ 11 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީ ވާނީ މި ލިންކް forms.gle/oCJMdUtXmA9cg9QC6 މެދުވެރިކޮށެވެ.