"ވާނުވާ" ބަންދުގައި ތިބި މީހުން ޓެގް އަޅުުވައި ޝަރުތުތަކަކާ އެކު ދޫކުރަން ފެށި ނަމަވެސް ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތުވެ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ބަންދަށް ލުއި ދިނުމަށް ހަމަޖެހިފައި ނުވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
އެތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް ނުވަތަ ވާނުވާގައި ތިބި މީހުން އިލެކްޓްރޯނިކް މޮނިޓަރިން ޓެގު އެޅުވުމަށް ފަހު، ބަންދުން ލުއި ދިނުމުގެ މަސައްކަތް އެ އޮފީހުން ފަށާފައިވާ ކަމަށެވެ. އެގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ދެ މީހެއްގެ ބަންދަށް، މޮނިޓަރިން ނިޒާމުގެ ތެރެއިން އިއްޔެ ލުއި ދީފައިވާ ކަމަށާއި ވާނެ އިތުރު ފަސް މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ކޯޓުތަކުގައި ކުރިއަށްދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެތަނުން ބުނީ، ޓެގު އެޅުވުމަށް ފަހު ވެސް ބަންދަށް ލުއި ދޭނީ އެ މީހެއްގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންނަށް ކަމަށާއި އެ ނޫން މީހުންގެ ބަންދަށް އެ ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.
"އެގޮތުން ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަށް އަދި ހަމަޖެހިފައެއް ނުވޭ" ޕީޖީ އޮފީހުން ބުންޏެވެ.
ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން ގެންދަނީ، އެ މީހުން މޮނިޓަ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުން ތައްޔާރުކުރާ އެސެސްމަންޓަށް ރިއާޔަތްކޮށްގެންނެވެ. އެގޮތުން އެސެސްމަންޓުތައް ލިބެމުން އަންނަ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ޕީޖީގެ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ، ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ ވަގުތުން އެ މީހަކު އަލުން ބަންދު ކުރުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.