ބޮލީވުޑްގެ ތަރިން ކަމަށްވާ ސިދާތު މަލްއުތުރާ އާއި ޖާންވީ ކަޕޫރް އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ޕަރަމް ސުންދަރީ" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.
އަންނަ ޖުލައި މަހުގެ 25 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމަކީ ފުލުފުލުގައި ކާމިޔާބު ފިލްމުތަކެއް ގެނެސްދެމުން އަންނަ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ތުޝާރު ޖަލޯޑާ ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ.
މި އަހަރުގެ މިހާތަނަށް ބޮލީވުޑުން ގެނެސްދިން އެންމެ ބޮޑު ހިޓް ކަމަށްވާ ވިކީ ކޯޝަލްގެ "ޗާވާ" ގެނެސްދިން މެޑޮކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ސިނަމާތަކަށް ގެނެސް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ "ބޫލް ޗުކް މާފް" އެވެ. މީގެ ތަރިންނަކީ ރާޖްކުމާރު ރާއޯ އާއި ވަމީގާ ގައްބީ އެވެ.
"ޕަރަމް ސުންދަރީ" އަކީ މެޑޮކް ފިލްމްސް އަށް ސިދާތު ކުޅުނު ފުރަތަމަ ފިލްމެވެ. އަދި ޖާންވީގެ ދެވަނަ ފިލްމެވެ. ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު، މެޑޮކް އަށް ކުޅުނު ފުރަތަމަ ފިލްމަކީ 2021 ގެ ކޮމެޑީ ހޮރޯ "ރޫހީ" އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޕަރަމް ސުންދަރީ" ގައި ކިޔައި ދޭނީ އުތުރު އިންޑިއާގެ ފިރިހެނަކާއި ދެކުނު އިންޑިއާގެ އަންހެނެއްގެ ލޯބީގެ ވާހަކަ އެވެ. މީގެ ޑައިރެކްޓަރު ތުޝާރަކީ މެޑޮކް އިން 2022 ގައި ގެނެސްދިން ސޯޝަލް ކޮމެޑީ "ދާސްވީ" ހެދި ޑައިރެކްޓަރެވެ.
ޖާންވީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ އެކްޝަން ޑްރާމާ "ދޭވްރާ: ޕާޓް 1" އިންނެވެ. ބަތަލާ ކިއާރާ އަދުވާނީގެ ފިރިމީހާ ސިތާދުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ މާޗްގައި ގެނެސްދިން އެކްޝަން ތުރިލާ "ޔޯދާ" އެވެ.