Last Updated: June 1, 13:43
Sunday, June 1, 2025
ޚަބަރު

ރައީސް އޮފީހުގައި 'މީޑިއާ ފެންޑާ' ހުޅުވައިފި

ރައީސް އޮފީހުގައި ގާއިމުކުރި "މީޑިއާ ފެންޑާ" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދި ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.

ރައީސް އޮފީހަށް ވަދެނުކުމެވާ ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.

"މީޑިއާ ފެންޑާ" ގެ މައިގަނޑު މަގުސަދަކީ، ދައުލަތުގެ އަދި ސަރުކާރުގެ އެންމެ އިސް އޮފީސް ކަމުގައިވާ ރައީސްގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ރަސްމީ ގަޑީގައި މީޑިއާއިން ހޯދުން ފަސޭހަކޮ ށްދިނުމެވެ.

"މީޑިއާ ފެންޑާ" ބަލަހައްޓާނީ، ރައީސް އޮފީހުގެ ބައެއްގެ ގޮތުގައި އެ އޮފީހުންނެވެ. އަދި "މީޑިއާ ފެންޑާ"ގެ ސަލާމަތީ ކަންކަމާއި، އިދާރީ ކަންކަން ހިނގަމުން ދާނީ ރައީސް އޮފީހުގައި މި ކަންކަން ބެލެހެއްޓުމުގެ ނިޒާމު ކަނޑައަޅައިފައިވާ އުސޫލުންނެވެ. ސަރުކާރުގެ ރަސްމީ މަސައްކަތު ކޮންމެ ދުވަހަކު "މީޑިއާ ފެންޑާ" ހުޅުވާފައި ހުންނާނެ އެވެ. ނަމަވެސް، ރަސްމީ މަސައްކަތު ދުވަހަކަށް ނުވި ނަމަވެސް، އެތަން ބޭނުންކުރާ ނޫސްވެރީން ބޭނުންވާ ޙާލަތްތަކުގައި، 24 ގަޑިއިރު ވެސް ހުޅުވާފައި ހުންނާނެ އެވެ.

"މީޑިއާ ފެންޑާ" ބޭނުން ރަޖިސްޓަރީކޮށްގެން ނެރޭ ނޫސް މަޖައްލާތަކާއި، ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި، ވަސީލަތްތަކުގެ ދަފުތަރުގެ ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަހައްޓާ މީޑިއާ ދަފުތަރުގައި ރަޖިސްޓަރީވެގެން، ގަވާއިދުން ހިނގަމުން އަންނަ ރާއްޖޭގެ މީޑިއާތަކަށެވެ. އަދި އެ މީޑިއާތަކަށް ވެސް "މީޑިއާ ފެންޑާ" ބޭނުން ކުރެވޭނީ، އެކަމަށްޓަކައި ރައީސް އޮފީހުން ޚާއްޞަ ހުއްދައެއްގެ ގޮތުގައި ދޭ ފާހަކާ އެކުގައެވެ.

"މީޑިއާ ފެންޑާ" އަކީ ގްރީން ޒޯނުގެ ސަރަހައްދުގައި ހުންނަ ޖާގައަކަށް ވާތީ، ގްރީން ޒޯން ބެލެހެއްޓުމުގައި ސަލާމަތީ ބާރުތަކުން އެ ވަގުތަކު ކަނޑައަޅާ ހުރިހާ އުސޫލެއް މީޑިއާ ފެންޑާއަށާއި އެސަރަހައްދަށް ވެސް ހިނގާނެ އެވެ.