Last Updated: June 1, 13:43
Sunday, June 1, 2025
ޚަބަރު

ގައުމީ ހިދުމަތުގެ ޕްރޮގްރާމް ޑިފެންސްގެ ދަށަށް

ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ހާއްސަކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ސާވިސްއާ ގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ ޑިފެންސް މިނިސްތްރީ ކަމަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފި އެވެ.

އެގޮތަށް ހަމަޖެއްސެވުމާ ގުޅިގެން މިހާރު ވަނީ މޯލްޑިވްސް ނޭޝަނަލް ސާވިސްއާގުޅޭ މަސައްކަތްތައް މިއަދުން ފެށިގެން އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކޮށްފަ އެވެ.

މޯލްޑިވްސް ނޭޝަނަލް ސާވިސްއާ ގުޅޭ ގޮތުން ޑިފެންސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ސާވިސްއާ ގުޅޭ ގޮތުން އެކުލަވައިލަން ޖެހޭ އުސޫލުތައް އެކުލަވައިލައި ތަންފީޒު ކުރުމާއި، މީހުން އެންރޯލް ކުރުމާ ގުޅޭ އެންމެހައި ކަންކަން ރާވައި އިންތިޒާމުކުރުމާއި، ނޭޝަނަލް ސާވިސްއަށް އެންރޯލްކުރެވޭ ފަރާތްތައް ރަޖިސްޓްރީކުރުމާއި، މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ މެންބަރުންނާ ގުޅޭ އިދާރީ ކަންކަން ބެލެހެއްޓުމެވެ. އަދި މޯލްޑިވްސް ނޭޝަނަލް ސާވިސްގެ ތަމްރީނުގެ ނިޒާމު އެކަށައަޅައި، އެ ނިޒާމު ތަންފީޒުކުރުމާއި، މޯލްޑިވްސް ނޭޝަނަލް ސާވިސްގެ ތަމްރީނުގެ ނިޒާމުގެ ދަށުން ހިންގާ ތަމްރީނުތައް ހިނގާނުހިނގާ ގޮތް ބެލުމާއި، އެ ނިޒާމު ތަރައްޤީ ކުރުމަށް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުން ވެސް ޑިފެންސް މިނިސްޓްރޫގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކޮށްފައިވެ އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސްގެ ޚާއްޞަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.