Last Updated: June 1, 13:43
Sunday, June 1, 2025
ޚަބަރު

ސައުތު ޕާމްގެ މުވައްޒަފުންނަށް މުސާރަ ނުދޭކަމުގެ ޝަކުވާތަކެއް

އައްޑޫގައި ހިންގަމުން އަންނަ ސައުތު ޕާމް ރިސޯޓްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށް ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

ބައެއް މުވައްޒަފުން ބުނެފައިވާ ގޮތުގައި މުސާރަ ނުދޭތާ އަހަރެއްހާ ދުވަސްވާން ކައިރިވެފައިވާ އިރު، ރިސޯޓުން މުވައްޒަފުންނަށް ލިބޭ އަސާސީ ހިދުމަތްތަކުގެ ފެންވަރު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން މުވައްޒަފުން އުޅޭ ސަރަހައްދުން ކަރަންޓް ކެނޑުން އާންމުވެފައިވާ އިރު، މުވައްޒަފުންނާ ދޭ ކާބޯތަކެތީގެ ތެރޭގައި ގެރެންޓީ ހަމަމަވެފައިވާ ތަކެތި ބޭނުން ކުރާކަމުގެ ކަންބޮވުންތައް ބައެއް މުފައްޒަފުން ހިއްސާކޮށްފައިވެ އެވެ.

މުވައްޒަފުންތަކެއް ކިޔައި ދިން ގޮތުގައި މީހުންނަށް މުސާރަ ނުލިބުމާއި ރިސޯޓްގައި މަސައްކަތް ކުރަން ދަތިތަކުގެ ވާހަކަ އެތައް ފަހަރެއްގެ މަތިން މެނޭޖްމަންޓާ ހަމައަށް ގެންގޮސްފައިވެ އެވެ. އެގޮތުން ކަންކަން ހައްލުކޮށް ދޭނެ ކަމަށް ތަކުރާރު ބުނަމުން ދިޔަ ނަމަވެސް، މެނޭޖްމަންޓްގެ ބަހާއި އަމަލު ދިމާ ނުވާ ކަމަށް މުވައްޒަފުން ބުންޏެވެ.

މުވައްޒަފުން ބުނި ގޮތުގައި ރިސޯޓްގެ މުވައްޒަފުންނާ ދޭތެރޭ ސައުތު ޕާމްގެ މެނޭޖްމަންޓުން ވަރަށް އިހާނެތިކޮށް އަމަލުކުރަމުންދާ އިރު، މީގެ ސަބަބުން ޓޫރިސްޓުންނަށް ރިސޯޓުން ދޭ ހިދުމަތްތަކުގެ ފެންވަރު ވެސް ދަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ސައުތު ޕާމްގެ މެނޭޖްމަންޓްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ.

މި ރިސޯޓަކީ މީދޫ ކައިރީގައި އޮންނަ އިސްމެހެލާހެރައިގައި ތަރައްގީކޮށް 2019 ގައި ހުޅުވި ރިސޯޓެކެވެ. ސައުތު ޕާމަކީ މި ވަގުތު އައްޑޫގައި އޮޕަރޭޓް ކުރަމުން އަންނަ ތިން ރިސޯޓްގެ ތެރެއިން އެއް ތަނެވެ. އަނެއް ދެ ރިސޯޓަކީ ކެނަރީފާއި ގަމުގެ އީކްއޭޓާ ވިލެޖެވެ.