Last Updated: June 1, 13:43
Sunday, June 1, 2025
ޚަބަރު

ކުރީ ސަރުކާރުގެ ލިސްޓަށް ފްލެޓް ދޭން ނިންމައިފި

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް.

ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓް ލިބޭނޭ ކަމަށް އިއުލާންކޮށްފައިވާ ދާއިމީ ލިސްޓަށް ފްލެޓް ދޭން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓްގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023 ގައި އޭރުގެ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އިން ކޮށްފައިވާ އިއުލާނުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން އިތުުރު ލިސްޓެއް ފައިނަލް ލިސްޓެއްގެ ގޮތުގައި އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން," މުއްތަލިބް ވިދާޅުވި އެވެ.

ނަމަވެސް، މި ލިސްޓަށް އަމަލުކުރުމައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލާގައި އަންގާފައިވާ އެންގުންތަކާއި އަދި އުސޫލުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ބައެއް ކަންކަމަށް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ސަރުކާރުން ވަނީ 2007 ވަނަ އަހަރުގެ ކުރިން މާލޭގައި އުޅެފައިވާ މީހެއްކަން ލިޔެކިޔުންތަކުން ފެންނަ ނަމަ އެ މީހަކީ ފްލެޓަށް ޝަރުތުހަމަވާ މީހެއް ކަމަށް ބެލުމަށް ވެސް ނިންމައިފަ އެވެ.

އެގޮތަށް ބަލަން ނިންމީ ރަށް ދޫކޮށް މާލެއަށް ހިޖުރަކުރުމަށް ފަހު އަލުން އެނބުރި ރަށަށް ދިރިއުޅުން ބަދަލު ކުރުމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމަކަށްވާތީ ކަމަށާއި މީގެ ސަބަބުން ވަރަށް ގިނަ ބަޔަކު ޝަރުތު ހަމަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހަދަމުން އަންނަނީ 4،000 ފްލެޓެވެ.