ބަންޑާރަ ނައިބުގެ އޮފީހާ ބެހޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
މި ބިލަކީ، މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. މިއާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު ވުޖޫދުވީ އެވެ.
އެ ބިލުގައިވާ ގޮތުން، އޭޖީ އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ކަނޑައަޅާނީ ޑެޕިއުޓީ އެޓާނީ ޖެނެރަލާއި، ސެކެޓްރީ ޖެނެރަލާއި، ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސަރވިސްގެ މަޤާމުތަކަށް އައްޔަންކުރާ ފަރާތްތަކެވެ.
މީގެ އިތުރުން އޭޖީ އޮފީހުގެ މުވައްޒަފުން ދެ ބަޔަކަށް ބަހާލެވޭނެ އެވެ. އެއީ ލީގަލް ސަރވިސްއާއި އެޑްމިނިސްޓްރޭޓިވް ސާވިސް އެވެ. އަދި މުވައްޒަފުންނަށްދޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް މާލީ ވަޒީރުކަމަށްވެސް ބިލުގައިވެ އެވެ.
އަދި ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްޙީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކުރުމާއި ރިޓަޔަމަންޓް ޤަވައިދާ އެއްގޮތަށް ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތްވެސް ކަނޑައެޅުމަށް ބިލުގައި ހިމަނާފައިވެ އެވެ.
ޤާނޫނު އަސާސީގައި އޭޖީ އޮފީސް ކަނޑައަޅާފައި އޮންނަނީ މިނިވަން ތަނެއްގެ ގޮތުގައެވެ. ނަމަވެސް މިހާތަނަށް އެ އޮފީސް ހިންގަމުން އައީ ސިވިލް ސާވިސްގެ ދަށުންނެވެ.