މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމަށް އައްޑޫ ސިޓީ ކައުންސިލާއެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މިއަދު މެންދުރު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެެއްވީ، ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު އެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު ޢަލީ ނިޒާރު އެވެ.
މި އެއްބަސްވުމުގެ ދަށުން، އައްޑޫ ކައުންސިލުން ކުރުމަށް އެއްބަސްވެފައިވާ ކަންކަމުގެ ތެރޭގައި ކޯޓުތަކުން ކަނޑައަޅާ އަދަބުގެ ބާވަތާ ގުޅިގެން، ގައިދީ ވަކި ތައުލީމީ ޕްރޮގްރާމެއް ނުވަތަ އެނޫން ޕްރޮގްރާމެއްގައިވެސް ބައިވެރިކުރުމަށް އަމުރު ކުރާ ހާލަތުގައި، އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން އެއިރަކު ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް ކަރެކްޝަންސްއަށް އެހީތެރިކަން ފޯރުކޮށްދޭންޖެހެ އެވެ.
އަދި މުޖުތަމައުއަށް ޚިދުމަތް ކުރުމަށް ކުރެވިދާނެ އެކި މަސައްކަތްތައް ދެނެގަތުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުންނާއި، ގުޅުން ހުރި އެންޖީއޯތަކުން އަދި އެނޫންވެސް އެކި ދާއިރާތަކުގެ މައުލޫމާތު ހޯދާ އެމް.ސީ.އެސްއާ ހިއްސާކުރުމާއި، އެކަން ހަމަޖެއްސުމުގައި ހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.
މީގެއިތުރުން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އަދަބުތައް ތަންފީޒުކުރުމުގެ މުއްދަތުގައި، ގައިދީން މުޖުތަމައުއިން ބަލައިގަންނަ ފަރާތްތަކެއްގެ ގޮތުގައި ހެދުމަށާއި، މުޖުތަމައަށް އަލުން ގުޅިގެން ދިއުމަށްޓަކައި މުޖުތަމައުގެ ދައުރު ބަޔާންކޮށްދީ، އާންމުން ހޭލުންތެރި ކުރުމަށް އެމް.ސީ.އެސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.