އާސަންދަ އިން އައިނު ހަދަން ދޭ އެހީ 2،000ރ. އަށް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އައި ހެދުމަށް އާސަންދައިން ދޭ އެހީ ބޮޑުކުރުމަކީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެއް ކަމަށާއި އެގޮތުން އެކަމަށްޓަކާ ހަދަންޖެހޭ ހުރިހާ ހިސާބެއް މިހާރު ހަދައި ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑު ވާނީ ކަމާބެހޭ ފަރާތްތަކަށް މިއަދު ސިޓީ ފޮނުވާފައި، ޖޫން އެކަކުން ފެށިގެން އައިނު ހެއްދުމަށްޓަކާ ދޭ 1،000 ރުފިޔާ 2،000 ރުފިޔާއަށް ބޮޑުކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އާސަންދައިގެ ތެރެއިން ކުރަމުން އަންނަ އިސްރާފު ކުޑަކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އައިނު ހެދުމަށް ދޭ އެހީ ބޮޑުކުރުމަކީ ވެސް އާސަންދައިގެ ތެރެއިން ކުރަމުންދާ އިސްރާފު ކުޑަކޮށް އެއްކުރެވޭ ފައިސާގެ ތެރެއިން ކުރާ ކަމެއް ކަމަށާއި މި ނޫނަސް އެހެން ކަންކަން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ޖަލްސާގައި ރައީސް ވަނީ ހަތަރު ރަށެއްގައި ރަސްމީކޮށް ޑަޔަލިސިސްގެ ޚިދުމަތް ވެސް ފައްޓަވައިދެއްވާފަ އެވެ. އެ ޚިދުމަތް ފެށީ ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ އަތޮޅު ހޮސްޕިޓަލް އަދި ގއ އަތޮޅު ހޮސްޕިޓަލުގަ އެވެ.
އަދި ބާކީ ހުރި ހުރިހާ އަތޮޅެއްގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޑައިލިސިސްގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެ އެވެ.