ދިވެހި ޙާޖީންނަށް ޚިދުމަތް ކުރުމަކީ ލިބޭ ޝަރަފެއްކަމަށް މައްކާ ރޫޓު އިނީޝިއޭޓިވް އިން ބުނެފި އެވެ.
ތިން ވަނަ ފްލައިޓުގައި މިއަދު ފުރި ޙައްޖުވެރންގެ ތެރެއިން ބައެއް ޙައްޖުވެރިންގެ ފޮޓޯއާއެކު މައްކާ ރޫޓު އިނީޝިއޭޓިވް އިން ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖުގައި ބުނެފައިވަނީ "ތިޔަބޭފުޅުންނަށް ޚިދުމަތްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެކެވެ." ކަމަށެވެ.
މިއީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިން މައްކާއަށް ދަތުރުކުރާ ފުރަތަމަ ފަހަރެވެ. ޙައްޖާޖީންނަށް ލުއިފަސޭހަ ހިދުމަތެއް ދިނުމަށް ސަޢުދީ ސަރުކާރުގެ ވިޝަން 2030 ގެ ދަށުން ފަށާފައިވާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖޭ ހިމަނުއްވާފައިވަނީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އިރުޝާދުފުޅާއެކު އެހެން ޤައުމުތައް މިކަމުގައި ހިމެނުމަށް އެކުލަވާލާފައިވާ ހުރިހާ އުސޫލުތަކަކުން އިސްތިސްނާ ކުރައްވާފަ އެވެ.
މިއީ ސަޢުދީ ސަރުކާރުން ދިވެހި ޙައްޖުވެރިންނަށް ދެއްވި ހަދިޔާއެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙާޖީން ދަތުރުކުރާއިރު، ރާއްޖެއިން ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ފުރިހަމަ ކުރެ އެވެ. މިކަމުގެ ސަބަބުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި މަޑުކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެފައިވާއިރު، ޙައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން މަރުޙަބާ ކިޔަމުންދާ ކަންވެސް ފާހަގަކޮށްލެވެ އެވެ.
ދިވެހި ޙައްޖުވެރިންގެ ތެރެއިން ތިން ފްލައިޓެއްްގެ ޙައްޖުވެރިން މިހާރު ސަޢުދީއަށް ގޮސްފައިވާއިރު ފަހު ފްލައިޓުގެ ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު އެވެ.