އިޒްރޭލުން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ގާޒާއިން އިއްޔެ އެކަނިވެސް 70 މީހަކު ޝަހީދުކޮށްލައިފި އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ މީގެތެރެއިން 23 މީހަކު ޝަހީދުވެފައިވަނީ ގާޒާގެ މެދުތެރޭގައި އޮންނަ އަލްބުރައިޖް ރެފިއުޖީ ކޭމްޕް ކައިރީގައި ހުރި ގެތަކަކަށް ދިން ހަމަލާތަކެއްގައި ކަމަށެވެ. އަދި ގާޒާގެ ޖަބަލިއާގައި ހުންނަ ކުޑަކުދިންގެ ސްކޫލަކަށާއި ގެއަކަށް ދިން ހަމަލާއެއްގައި 7 މީހަކު ވެސް ވަނީ ޝަހީދުވެފަ އެވެ.
މި ހަމަލާތަކުގައި އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.
އިޒްރޭލު ސިފައިން ގާޒާއަށް އެއްގަމުން މަގުން އަރައި ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާއިރު، އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތައް ވެސް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.
އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 54،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 100،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ. މި ހަމަލާތަކުގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.