Last Updated: June 1, 13:43
Sunday, June 1, 2025
ޚަބަރު

މައްސަލަ އަނބުރާ ނުނެގިޔަސް މައްސަލައެއް ނެތް

އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ނުނެގިޔަސް މައްސަލައެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޔާމީންގެ މައްޗަށް ދައުވާތައް އުފުލީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ކަމަށާއި ގާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނު މިނިވަންކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ޔާމީންގެ ޝަރީއަތްތައް އަދިވެސް ކުރިއަށްދާތީ މި ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ޔާމީންގެ ސަޕޯޓަރުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ފަނޑިޔާރުގެއަށް އަތް ނުބާނާ ވާހަކަ މި ސަރުކާރުގެ ބޭފުޅުން ދެއްކެވި ނަމަވެސް ކަންކަން ކުރައްވާ ގޮތުން ބަހާއި އަމަލު ދިމާނުވާ ކަމަށެވެ.

"އަޅުގަނޑުގެ މައްސަލައެއް ނެތް، އަޅުގަނޑުގެ މައްސަލަ އަނބުރާ ނުނެގިޔަސް. އަޅުގަނޑު ބޭނުންވަނީ ގާނޫނުގައި އޮންނަ މަގުން ހިނގައިގެން މިނިވަންވާން ބޭނުންވަނީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ތުހުމަތެއް ކުރެވިއްޖެ ނަމަ އެ ތުހުމަތެއް ބެލުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ކަމުނުދަނީ އެކަމުގެ ތެރެއަށް އަތްބާނައިގެން ގޯސްކުރަން އުޅުމުން ކަމަށެވެ. އަދި އެމަނިކުފާނުގެ ޝަރީއަތުގެ ކަންކަން ނިމުމުން އާރަށުގެ މައްސަލައިގައި ފަނޑިޔާރުންނަށް ގުޅީ ކާކުކަން ހާމަކުރާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން އެމަނިކުފާނުގެ މައްސަލަ ހައިކޯޓުގައި އޮތްއިރު، ދެ މަސް ދުވަސްވަންދެން ޗުއްޓީގައި ހުންނެވި ފަނޑިޔާރު މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް "ދޮންކޮށްފައި" ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން އެ އިޝާރާތް ކުރެއްވަނީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމަށެވެ. ޖޭއެސްސީން ވަނީ ސަލީމްގެ އިތުރުން ހައިކޯޓުގެ ކުރީގެ ފަނޑީޔާރު އަބްދުﷲ ހަމީދު ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ނިންމައިފަ އެވެ.