Last Updated: June 2, 18:03
Monday, June 2, 2025
ޚަބަރު

އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ހިއްސާއަކަށް 50 ލާރި ބަހަން ފާސްކޮށްފި އެވެ.

އެގޮތަށް ނިންމީ ރޭ ހޮޓެލް ޖެންްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

އެމްޓީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 50 ލާރި ބެހުމަށް ފާސްކުރ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 ޕަސެންޓްގެ ވޯޓުންނެވެ. މިދިޔަ އަހަރު އެ ކުންފުނިން ހިއްސާއަކަށް ބެހީ 60 ލާރި އެވެ.

ރޭގެ އަޖަހަރީ ޖަލްސާގައި ވަނީ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވެސް ފާސްކޮށްފައެވެ. އަދި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓް ވެސް ފާސްކުރި އެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ހަމަޖައްސާފައިވާ އިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 27،000ރ. ދޭން ނިންމި އެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 1.9 މިލިއަން ޑޮލަރެވެ. މިއީ 2023 ވަނަ އަހަރު ފައިދާ ގޮތުގައި ލިބުނު 3.1 މިލިޔަން އެމެރިކާ ޑޮލަރާއި އަޅާބަލާއިރު 38.7 ޕަސެންޓް ދަށް އަދަދެކެވެ.

އެމްޓީޑީސީީން ބުނީ މިދިޔަ އަހަރުގެ ފައިދާ ދަށްވި މައިގަނޑު ސަބަބަކީ ނާގޯށި ސަބްލީޒްކުުރުން ހުއްޓާލުމުގެ ސަބަބުން ރެވެނިއު ރެކޯޑިން ހުއްޓުމަކަށް އައުމުން ކަމަށެވެ.

ސަރުކާރާއި އާންމު ރައްޔިތުންގެ ހިއްސާ އޮންނަ އެމްޓީޑީސީއަކީ ޓޫރިޒަމް މަންފާ ސީދާކޮށް ރައްޔިތުންނަށް ހޯދައި ދިނުމަށް 2006 ގައި އުފެއްދެވި ކުންފުންޏެކެވެ.