ހިންދީ ސިނަމާގެ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވާ ގުރޫ ދަތުގެ ބައޮގްރިކަލް ޑްރާމާ އަށް ވިކީ ކޯޝަލް ގެންނަން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
"ޕިޔާސާ" އާއި "ކާގާޒް ކޭ ޕޫލް" އާއި "ޗޯންދުވީ ކަ ޗާންދު" އަދި "ސާހެބް ބީވީ އޯރް ގުލާމް" ފަދަ އައިކޮނިކް ފިލްމުތަކުގެ އެކްޓަރުގެ ބައޯޕިކަކަށް މަސައްކަތް ކުރަނީ އަލްޓްރާ މީޑިއާ އެންޑް އެންޓަޓައިންމަންޓް ގްރޫޕުންނެވެ. އެތަނުން ބުނީ ފިލްމެއްގައި ގުރޫ ދަތުގެ ވާހަކަ ކިޔައިދޭން ބޭނުންވާ ކަމަށާއި އެފަދަ ޕްރޮޖެކްޓަކަށް ތައްޔާރީތައްވަމުންވެ.
މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި އަލްޓްރާ މީޑިއާގެ ޑިރެކްޓަރު/ޗީފް އޮޕަރޭޓިން އޮފިސަަރު ސީއޯއޯ) ވިދާޅުވީ ގުރޫ ދަތުގެ ފިލްމީ ކެރިއަރުގެ ވާހަކަ އަކީ ވަރަށް ޝައުގުވެރި ވާހަކައެއް ކަމަށެވެ. އެހެންވެ އޭނަގެ ވާހަކަ ފިލްމަކުން ބޮޑު ސްކްރީންގައި ކިޔައިދޭން ބޭނުންވާ ކަމަށެވެ.
"އެފަދަ ޕްރޮޖެކްޓަކަށް އަހަރެމެން އެބަ ތައްޔާރުވަން. އަހަންނަށް ގަބޫލު ކުރެވޭ ވިކީ އަކީ ގުރޫ ދަތުގެ ރޯލަށް ވަރަށް ފިޓްވާނެ އަދި އެ ރޯލަށް މޮޅަށް އިންސާފުކޮށް ދެވިދާނެ އެކްޓަރެއް." ރަޖަތު ވިދާޅުވި އެވެ.
އެހެންވެ އެ ޕްރޮޖެކްޓާ ގުޅޭ މަޝްވަރާތަކެއް މިހާރު ކުރިއަށްދާ ކަމަށް ބުންޏެވެ.
ބޮލީވުޑްގެ މިހާރު އެންމެ ހުނަރުވެރި އަދި ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކީ އަކީ ކުރިން ވެސް ބައޯޕިކްތަކެއް ކުޅެފައިވާ އަދި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރެކެވެ. އެއީ 2023 "ސޭމް ބަހާދޫރު" އާއި 2021 ގެ "ސަރުދާރު އުދަމް" އެވެ.
މި އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި "ޗާވާ" ގެ އެކްޓަރު މިހާރު އަންނަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ގެ މަސައްކަތް ކުރަމުންނެވެ.
ވިކީ ހިމަނައިގެން ގުރޫ ދަތުގެ ބައޯޕިކް ގެންނަން ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، އޭނަގެ 100 ވަނަ އުފަން ދުވަހު އަންނަ ޖުލައި މަހުގެ 9 ގައި ކުލަގަދަކޮށް ފާހަގަ ކުރަން އަލްޓްރާ މީޑިއާ އިން އަންނަނީ ތައްޔާރީތަކެއްވަމުންނެވެ. ބެލެވޭ ގޮތުން އެ ދުވަހު ގްރޫ ދަތުގެ ބައޯޕިކް ރަސްމީކޮށް އިއުލާން ކުރާނެ އެވެ.
އުމުރުން އެންމެ 39 އަހަރުގައި ގުރޫ ދަތު މަރުވީ އޮކްޓޯބަރު 10، 1964 ގަ އެވެ. އޭނަ އަކީ އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއް، ޕްރޮޑިއުސަރެއް އަދި ސްކްރީން ރައިޓަރެކެވެ.