"ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތުލުމެއް ބޭއްވުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ބުނީ، ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް އަށް ބަދަލު ގެނެވި، އައު ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކުރެވިފައިވާތީ، އެ ޕްލޭނަށް ރިޢާޔަތްކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުމަށް ނިންމާފައިވާ ކަމަށެވެ.
ގުރުއަތުލުން އޮންނާނީ މިއަދު މެންދުރު ފަހު 2:30 ގައި އުސްފަސްގަނޑު ސަރަހައްދުގަ އެވެ. މި ގުރުއަތުލުމުގައި ބައިވެރިވާނީ މިހާތަނަށް ގުޅީފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކެވެ.
ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ތެރޭގައި 1،250 އަކަފޫޓުގެ 684 ގޯއްޗާއި، 1،650 އަކަފޫޓުގެ 1،242 ގޯތި، 2،050 އަކަފޫޓުގެ 923 ގޯތި، 2،450 އަކަފޫޓުގެ 479 ގޯތި، 2،850 އަކަފޫޓުގެ 158 ގޯތި، 3،250 އަކަފޫޓުގެ 49 ގޯއްޗާއި، 3،650 އަކަފޫޓުގެ 22 ގޯތި ހިމެނެ އެވެ.
މިނިސްޓްރީން ބުނީ، ގުރުއަތުލުމުގައި ކޮންމެ ޕްލޮޓަކަށް ގޯތި ލިބުނު އެއް ފަރާތަށް ބައިވެރިވެވޭނެ ކަމަށާއި، ގޯތި ލިބޭ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބައިވެރިވާން ބޭނުންވާ ނަމަ، އެ ފަރާތަކުން ހާޒިރުވާން ޖެހޭނީ ގޯތި ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި އެ ފަރާތެއްގެ އައިޑީ ކާޑުގެ ކޮޕީއަކާ އެކު ކަމަށެވެ.
ގުރުއަތުލުން ކުރިއަށްދާއިރު ހިޔާވެހި ޕޯޓަލް އިން ޕްލޮޓް އެލޮކޭޓްވާ ފަރާތްތަކަށް ވަގުތުން އެސްއެމްއެސް މެދުވެރިކޮށް މައުލޫމާތު ލިބޭނެ އެވެ. އަދި ގުރުއަތުލުގެ ހަރަކާތް ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ލައިވްކުރާނެ އެވެ.
ހައުިސިން މިނިސްޓްރީން ބުނީ ގޯތިލިބޭ މީހުންގެ މެދުގައި ގުރު ނަގައި ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާގުޅޭ މަޢުލޫމާތު މިނިސްޓްރީ އިން ފަހުގެ ތާރީޚެއްގައި ހިއްސާކުރާނެ ކަމަށެވެ.