Last Updated: June 2, 18:56
Monday, June 2, 2025
ޚަބަރު

ޢަރަފާތު ދުވަހު ރޯދަހިފުމުން ދެ އަހަރުގެ ކުދި ފާފަތައް ފުހެވޭ

ޢަރަފާތު ދުވަހު ރޯދަހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި، އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ 'ޢަރަފާތު ދުވަހުގެ މާތްކަން'، މި މައުޟޫއުގެ މައްޗަށެވެ.

ހުތުބާގައި ބުނީ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުން ވެސް އެ ދުވަހުގެ ސަވާބުން މަހުރޫމު ނުކުރައްވާ ކަމަށާއި ޙައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން ޢަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެންވާ ކަމަށެވެ.

"މާތް اللهގެ އޯގާވަންތަކަމާއި، ތަނަވަސް ރަޙްމަތުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަޞީބު ނުލިބޭ މީހުން ވެސް މި ދުވަހުގެ ސަވާބުން މަޙުރޫމެއް ނުކުރައްވައެވެ. ޙައްޖަށް ދިއުމުގެ ނަޞީބު ނުލިބޭ މީހުން ޢަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެން ވެއެވެ. ޢަރަފާތު ދުވަހު ރޯދަހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއްކަމުގައި ރަސޫލާގެ ޙަދީޘުން ސާބިތުވެއެވެ." ހުކުރު ޚުތުބާގައި ބުނެފައިވެ އެވެ.

ޢަރަފާތު ދުވަހަކީ ދުޢާ އިޖާބަކުރެއްވުމުގެ ދުވަސް ކަމަށާއި، ޢަރަފާތު ދުވަހު ޛިކުރުކޮށް ދުޢާކުރުން ގިނަކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

މި މައްސަރުގެތެރޭގައި އަންނަ އަނެއް ދުވަހަކީ އަޟުޙާ ޢީދު ދުވަސް ކަމަށާއި އެގޮތުން އުޟްޙިޔާ ކަތިލުމުގެ މުހިންމުކަން ވެސް ޚުތުބާގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން އެއީ ތަނަވަސްކަން ލިބިފައިވާ މީހުންނަށް ގަދަވެގެންވާ ސުންނަތެއްކަމާއި، ގިނަގުނަ ދަރުމައާއި ސަވާބު ލިބިގެންވާ ކަމެއްކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.