Last Updated: June 2, 18:03
Monday, June 2, 2025
ޚަބަރު

މިއަހަރާއި އަންނަ އަހަރު ސިއްހީ ދާއިރާ ބޮޑުތަނުން ރަނގަޅުވާނެ

މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ދާއިރާ، ބޮޑުތަނުން ރަނގަޅުވެގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާއަކީ، ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށާއި، ޢާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި، އެންމެ އިސްކަންދޭ އެއް ދާއިރާ ކަމަށެވެ. އަދި ޞިއްޙީ ޚިދުމަތުގެ ފެންވަރާއި، ޢުމްރާނީ އަދި އިންސާނީ ވަޞީލަތުގެ ގޮތުން މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރެއްވުމަށް، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގައި، ޞިއްޙީ ކަންކަން ރަނގަޅުކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހުރިހާ ސަރަޙައްދެއްގައިވެސް ޞިއްޙީ ޚިދުމަތް ވަރުގަދަކުރުން އެއީ، އަޅުގަނޑު ވަރަށް އިސްކަމެއްދޭ ކަމެއް. މިހާރު 200 އަށްވުރެ ގިނަ މުވައްޒަފުން، މުޅި ޞިއްޙީ ދާއިރާއަށް އިތުރުކުރުން، މުޅި ރާއްޖެއަށް އިތުރުކުރުންވެސް އެވަނީ ހުޅުވާލެވިފައި. އޭގެތެރެއިންވެސް ވަރަށްގިނަ މުވައްޒަފުން ނެގިގެން އެބަދޭ. އަދި އިމާރާތާއި، ވަސީލަތުގެ ގޮތުން މަޝްރޫޢުތައް ހިންގުންވެސް ހުޅުވާލެވި އަދި ވަރަށްގިނަ މަޝްރޫޢުތަކުގައި ސޮއިކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ، އިރާދަކުރެއްވިއްޔާ ޞިއްޙީ ދާއިރާ، މި އަހަރާއި މި އަންނަ އަހަރުގެ ތެރޭގައި ވަރަށްބޮޑު ތަނުން ރަނގަޅުވެގެންދާނެ،"

މާލެ ސަރަހައްދަކީ މުޅި ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް މިއަދު ވަޒަންވެރިވެގެން ދިރިއުޅޭ ސަރަޙައްދަށް ވެފައިވާ ވާއިރު، ޞިއްޙީ ދާއިރާ ކުރިއެރުވުމުގެ ގޮތުން މާލޭ ސަރަޙައްދުގައި ގިނަ މަސައްކަތްތަކެއް ނިންމައިލެވި، ޚިދުމަތް ދޭން ފެށިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެކަން އަދި އެއަށްވުރެ މާބޮޑަށް ވެސް ރަނގަޅުވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.