Last Updated: June 2, 18:03
Monday, June 2, 2025
ޚަބަރު

ފްލެޓް ލިސްޓަށް ބަދަލު ނުގެނައީ ރައީސް އަނިޔާވެރިއަކަށް ނުވާތީ

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭނޭ ކަމަށް ކުރީ ސަރުކާރުން އިއުލާންކޮށްފައިވާ ދާއިމީ ލިސްޓަށް ފްލެޓް ދިނުމަށް ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އަނިޔާވެރިއަކަށް ނުވާތީ ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބް ވިދާޅުވީ 2018 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ނެރުނު ހިޔާ ފްލެޓު ލިސްޓުން ފްލެޓު ލިބޭނެ ކަމަށް އިޢުލާނުކޮށް ލިޔުން ދެވުނު ފަރާތްތަކުގެ އަތުން އެ ފްލެޓުތައް އަތުލާ އެހެން ބަޔަކަށް ދިން ދިނުމަކީ އެތައް ހާސް ދިވެހި ރައްޔިތުންނެއްގެ ޙައްޤު ނިގުޅައިގަނެވިގެން ދިޔަކަމެއް ކަމަށެވެ.

"ރައީސް ޑރ. މުޢިއްޒު އަބަދުވެސް ވިދާޅުވަމުން ގެންދެވީ އެފަދަ އަނިޔާވެރި ވެރިއަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނެ ކަމަށް. ރައްޔިތުންގެ ތެރެއިން ބަޔަކަށް ދީފައިވާ އެެއްޗެއް، އެއީ ފެއިލްވެފައިވާ ސިޔާސަތަކުން ދީފައިވާ އެއްޗެއް ނަމަވެސް، އެ ލިބިފައިވާ ފަރާތަކީ ޝަރުޠު ހަމަވާ ފަރާތެއްނަމަ، އަތުނުލައްވާނެ ކަމަށް،" މުއްތަލިބް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓްގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023 ގައި އޭރުގެ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އިން ކޮށްފައިވާ އިއުލާނުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން އިތުުރު ލިސްޓެއް ފައިނަލް ލިސްޓެއްގެ ގޮތުގައި އަދި އެހެން ލިސްޓެއްގެ ގޮތުގައި ވެސް ނުނެރޭނަން," މުއްތަލިބް ވިދާޅުވި އެވެ.

ނަމަވެސް، މި ލިސްޓަށް އަމަލުކުރުމައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލާގައި އަންގާފައިވާ އެންގުންތަކާއި އަދި އުސޫލުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް ބައެއް ކަންކަމަށް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ސަރުކާރުން ވަނީ 2007 ވަނަ އަހަރުގެ ކުރިން މާލޭގައި އުޅެފައިވާ މީހެއްކަން ލިޔެކިޔުންތަކުން ފެންނަ ނަމަ އެ މީހަކީ ފްލެޓަށް ޝަރުތުހަމަވާ މީހެއް ކަމަށް ބެލުމަށް ވެސް ނިންމައިފަ އެވެ.