ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައްޔާއި ގްލޭޝިއާތައް ނެތިދިއުމުގެ މައްސަލައިގައި، ބައިނަލްއަޤުވާމީ ފެންވަރުގައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފި އެވެ.
ނައިބު ރައީސް މިކަމަށް ގޮވާލެއްވީ "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއާސް ޕްރިޒަރވޭޝަން" ގެ އިފްތިތާޙީ ސެޝަންގައި އިއްވެވި ބަޔާނެއްގަ އެވެ.
މިބަޔާނުގައި، ގްލޭޝިއާތައް ނެތިގެންދާ ހަލުވިދުވެއްޔާއި އެކަމުގެ ސަބަބުން ނިކުންނާނޭ ނަތީޖާ ތަކަކީ ރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ވިލުންތެރިކަމާއި، ލޯ-ކާބަން ތަރައްޤީއަށް މަގުދައްކައިދޭ ގޮތަށް ރާއްޖެއިން ހުށަހެޅި ތިންވަނަ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) މި އަހަރު ހުށަހަޅާފައިވާ ކަމަށާއި އަދި ބައިނަލްއަޤުވާމީ އެހީތެރިކަމާއެކު، 2035 ވަނަ އަހަރު އަންނަން ވާއިރަށް، ކާބަން ބޭރުކުރާ މިންވަރު 1.52 މިލިޔަން ޓަނަށް މަދުކޮށް، 2028 ވަނަ އަހަރު އަންނަ އިރު ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިއާދަކުރަނިވި ވަޞީލަތްތަކުން އުފައްދާ ހަކަތަ ކަމުގައި ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ޢަޒުމު ތަކުރާރުކުރެއްވި އެވެ.
ނައިބު ރައީސްގެ ބަޔާނުގައި، ކޮޕް-30 ގެ ކުރިން ހުރިހާ ޤައުމަކުންވެސް އެންޑީސީ ހުށަހެޅުއްވުމަށާއި، މި މަސައްކަތުގައި ޢަޒުމު ވަރުގަދަކުރައްވައި، ކަމުގެ ހައްސާސްކަން ދަނެގެން، ދެފުށްފެންނަ ގޮތަކަށް މަސައްކަތް ކުރެއްވުމަށް ޤައުމުތަކަށް ގޮވާލެއްވި އެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި އެދެވޭ ޙައްލުތަކެއް ހޯދަން އެދޭނަމަ، ބައިނަލްއަޤުވާމީ ޢަހުދުތަކަކީ ހަމައެކަނި ރަމްޒީ ކަންތައްތަކަކަށް ވުމުގެ ބަދަލުގައި އެއީ ބަދަލުގެނުވަނިވި އިލްތިޒާމުތަކަކަށް ވާންޖެހޭކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން މޫސުމީ ބަދަލުތަކަށް ޚާއްޞަ ފަންނިއްޔާތާއި ޤާބިލުކަން އިތުރުކުރުމާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވާ ފަދަ އެހީތެރިކަމަށް ސީދާ އަމާޒުކޮށްގެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަޤުވާމީ އެހީތެރިކަން މުހިންމުކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.