Last Updated: June 2, 18:56
Monday, June 2, 2025
ޚަބަރު

ދުންފަތާ ދެކޮޅު މަސައްކަތަށް ޓެޑްރޮސްގެ ތައުރީފު

ދިވެހިން ދުންފަތުން ރައްކާތެރި ކުރުމަށް މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވާ މަސަތްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ތައުރީފު ކުރައްވައިފި އެވެ.

ޓެޑްރޮސް ރައީސަށް ތާރީފުކުރެއްވީ ޑަބްލިޔުއެޗްއޯއިން ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސަށް ޚާއްޞަ އެވޯޑެއް ދެއްވުމަށް ރޭ ބޭއްވި ހަފުލާ އަށް ފޮނުއްވި ވީޑިއޯ މެސެޖެއްގަ އެވެ.

"ރާއްޖޭގެ ރައްޔިތުންގެ ސިއްހަތް ސަލާމަތްކުރުމަށް ރައީސް މުއިއްޒުގެ ނަމޫނާ ލީޑަޝިޕް އަދި ވިސްނުންފުޅަށް އަޅުގަނޑު ތައުރީފުކުރަން،" ޓެޑްރޮސް ވިދާޅުވި އެވެ.

ރައީސްގެ ލީޑާޝިޕުގައި ދުންފަތާ ދެކޮޅަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އަލަށް އުފެދެމުން އަންނަ ދުންފަތުގެ އުފެއްދުންތައް މަނާކުރުމާއި، ދުންފަތް ބޭނުންކުރުން މަނާ ތަންތަން އިތުރުކުރުއްވުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ދުންފަތް ކޮންޓުރޯލް ކުރުމުގެ ގާނޫނަށް ގެންނެވި އިސްލާހުތަކުގެ ތެރެއިން އީ-ސިނގިރެޓާއި ވޭޕުގެ ބާވަތްތައް މަނާކުރެއްވުމާއި، ދުންފަތް ވިއްކޭނެ އެންމެ ހަގު އުމުރު 21 އަހަރަށް މަތިކުރެއްވުމާއި، ދުންފަތް އިސްތިހާރު ކުރުން މަނާކުރެއްވުމާއި، ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކުސް ބޮޑުކުރުން ހިމެނޭކަން ޓެޑްރޯސް ފާހަގަކުރެއްވި އެވެ.

އޭގެ އިތުރަށް ދުންފަތުން ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިވުމަށް ސިސޭޝަން ކްލިނުކުތައް ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ގާއިމު ކުރެއްވުމަށް ރައީސް ފައްޓަވާފައިވާ މަސައްކަތަކީ ވެސް ދުންފަތުން ދިވެހިން ސަލާމަތް ކުރެއްވުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށެވް ޓެޑްރޮސް ވިދާޅުވި އެވެ.

މި ހުރިހާ ފިޔަވަޅުތަކަކީ ދިވެހިން ދުންފަތުން ދުރުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅުތަކަކަށްވުމުގެ އިތުރަށް އެއީ ދުންފަތުން ސަލާމަތްވެފައިވާ މުސްތަގުބަލަކަށް މަސައްކަތްކުރާ އެހެން ގައުމުތަކަށް ހިތްވަރު ލިބޭ، އުންމީދު އައުކޮށްދޭ ފިޔަވަޅުތަކެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

ދެހާސް ހަތް ވަނަ އަހަރުގެ ފަހުން އުފަންވި އެންމެނަށް ދުންފަތް ވިއްކުން މަނާކުރުމަށް ގާނޫނަށް ގެނެވުނު އިސްލާހު ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން ޑަބްލިއުއެޗް އިން މަރުހަބާ ކިޔާފައިވެއެވެ.