ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން، ގައު އެޅުމާއި ކާސްޓިންގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަން ކުރުމަށާ އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒު ކުރުމަށް ވަކި ކުންފުންޏެއް ސަރުކާރުން އުފައްދައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ކުންފުނި އުފައްދާފައި ވަނީ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް ނަމުގައި ކަމަށެވެ. މިއީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެކެވެ.
މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ އާބަން ސަރަހައްދުތަކާއި، މަދުން އާބާދުވެފައިވާ ރޫރަލް ސަރަހައްދުތަކުގެ އުމްރާނީ ތަރައްގީ ފުޅާކުރުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައި، ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން، ގައު އެޅުމާއި ކާސްޓިންގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަން ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒު ކުރުން ކަމަށް ބުނެފައިވެ އެވެ.
މި ކުންފުނީގެ ރައުސުލްމާލަކީ 10 ރުފިޔާގެ 10،000،000 ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ 100،000،000 (ސަތޭކަ މިލިޔަން) ރުފިޔާ ކަމަށާ މި ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ގާނޫނީގޮތުން އަމިއްލަ ޝަޚްސެއް ކަމަށް ގަރާރުގައިވެ އެވެ.