Last Updated: June 2, 17:30
Monday, June 2, 2025
ޚަބަރު

ޑިމޮކްރަސީގެ ނަމުގައި ފުލުހުންނަށް އޮތް އިހުތިރާމް ގުރުބާންކޮށްފި

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ފެށިގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް އާންމުން ކުރަމުން އައި އިހުތިރާމް ގުރުބާންކޮށްފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 39ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އައްބާސް ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި މީގެ އަހަރުތަކެއް ކުރިން ހިންގި ހަރަކާތްތަކުގެ ސަބަބުން ފުލުހުންނަށް އާންމުން ކުރި އިހުތިރާމާއި ގަދަރު ގުރުބާންކޮށްފައިވާ ކަމަށާއި ފުލުހުންނަށް ތަފާތު ނަންނަމުން މުހާތަބުކޮށް ގޮވުމަކީ އާންމު ކަމަކަށް ހަދައި، އެކި ތުހުމަތުތައް އަޅުވައި ފުލުހުން ބަދުނާމުކުރި ކަމަށެވެ.

"މިއީ، ކޮންމެ ސަބަބަކާ ހުރެ ކޮންމެ ފަރާތަކުން ކުރި ކަމެއް ކަމުގައި ވިޔަސް، އެތައް ޖީލަކަށް މިކަމުގެ އަގު އަދާކުރަން ޖެހިފައިވާ ކަންކަން،" އައްބާސް ވިދާޅުވި އެވެ.

ފުލުހުންގެ ގާބިލުކަން ދުވަހުން ދުވަހަށް އިތުރުވަމުން އަންނަމުން ގޮސްފައިވީ ނަމަވެސް ފުލުހުންގެ މުއައްސަސާއާ މެދު ބަޔަކު އުފެއްދި ކިލަނބު ތަސައްވުރުން އަދިވެސް އަރައިގެންފައިނުވާ ކަމަށާއި އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް އައްބާސް ވިދާޅުވި އެވެ. އަދި ފުލުހުންގެ މައްޗަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރާ މަސައްކަތް އެހެން ހަރުފަތަކަށް ގެންގޮސްގެން ނޫނީ ބޭނުންވާ ނަތީޖާ ހާސިލުނުވާނެ މިންވަރަށް ތަސައްވުރު ނުސާފުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އެއީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް ކަމަށާއި އެއީ އެއްއިރެއްގައި ވެސް ފުލުހުންނަށް ހައްގުވި މިންވަރެއް ނޫން ކަމަށް އައްބާސް ވަނީ ވިދާޅުވެފަ އެވެ.