Last Updated: June 2, 17:18
Monday, June 2, 2025
ކުޅިވަރު

ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ޕީއެސްޖީ ތައްޔާރު

ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ޕީއެސްޖީ އޮތީ ތައްޔާރަށް ކަމަށް އެޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕީއެސްޖީން މިރޭ އިޓަލީގެ އިންޓަ މިލާންއާ ދެކޮޅަށް ނިކުންނައިރު، ޕީއެސްޖީ އަށް މި މުބާރާތް މިހާތަނަށް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އިންޓައިން ވަނީ މި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.

މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އެންރީކޭ ބުނީ މިފަހަރުގެ ޗެމްޕިއަންސް ލީގު ފެށުނީއްސުރެ ޕީއެސްޖީން ކުޅެމުން އަންނަނީ ވަރުގަދަ މެޗުތަކެއް ކަމަށާއި އެގޮތުން ވަރުގަދަ މެޗުތަކަށް ޓީމު މިހާރު ހޭނިފައި އޮތުމަކީ މިރޭގެ ފައިނަލާއި ކުރިމަތިލާއިރު ފަހަރެއްގައި ޕީއެސްޖީއަށް ލިބޭނެ ފައިދާއަކަށް ވެސް ވެދާނެ ކަމަށެވެ.

"ޕީއެސްޖީ އަކީ މީގެކުރިން ވެސް ފައިނަލްގައި ކުޅެފައިވާ ޓީމެއް. އަހަރުމެން މިތިބީ ތައްޔާރަށް. މުޅި މި ސީޒަނުގައި ވެސް އަހަރުމެން މި ކުޅުނީ ބިރެއް ނެތި،" ބާސެލޯނާއަށް މީގެކުރިން ޗެމްޕިއަންސް ލީގު ހޯދައިދިން އެންރީކޭ ބުންޏެވެ.

މިއީ، ޕީއެސްޖީގެ ތާރީހުގައި އެ ޓީމުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު އެޓީމުން 2020 ވަނަ އަހަރު ފައިނަލްގައި ކުޅުނީ ބަޔާން މިއުނިކާ އެވެ. ފައިނަލްގައި އެފަހަރު ޕީއެސްޖީ ވަނީ 1-0 އިން ބަޔާން އަތުން ބަލިވެފަ އެވެ.

އެންރީކޭ ބުނީ ޕީއެސްޖީއަށް މިހާރު މަދުވަނީ ޗެމްޕިއަންސް ލީގު އެކަނި ކަމަށާއި އެއާއެކު ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ވެސް ޓީމަށް އެބައޮތް ކަމަށެވެ. ނަމަވެސް މި ތަށި ކާމިޔާބުކޮށްދީ މުޅި ޕެރިހަށް ހަދިޔާއެއްދޭން ބޭނުންވާ ކަމަށް އެންރީކޭ ބުންޏެވެ.

ޕީއެސްޖީ އާއި އިންޓަ ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.