Last Updated: June 2, 16:49
Monday, June 2, 2025
ރިޕޯޓް

ޢަރަފާތް ދުވަހު ރޯދަ ހިފަން ވަޞިއްޔަތް ކުރަން!

ޙައްޖު ދުވަސް، ނުވަތަ ޢަރަފާތް ދުވަހަކީ، ޙައްޖު މަހުގެ 9 ވަނަ ދުވަހެވެ. އެއީ ދުވަސްތަކުގެ ތެރެއިން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަހެވެ. އެދުވަހު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޢަރަފާތް ބިމަށް އެއްވެ ތިބޭ މީހުނަށް ﷲ ގެ ރަޙްމަތާއި ފާފަފުއްސެވުން އޮއްސަވަ އެވެ.

މި ދުވަހަކީ ﷲ ތަޢާލާ މި އިސްލާމްދީން ފުރިހަމަ ކުރެއްވި ދުވަހެވެ. ބުޚާރީއާއި މުސްލިމްގައި ރިވާވެގެންވެ އެވެ. ޔަހޫދީންގެ މީހަކު ޢުމަރު ރަޟިޔަﷲ ޢަންހު އަށް ދެންނެވި އެވެ. އޭއަމީރުލް މުއުމިނީން އެވެ. ތިޔަބޭކަލުންގެ މައްޗަށް ބާވައިލައްވާފައިވާ ފަދަ އާޔަތެއް ތިމަންމެންގެ ފޮތުގައި އޮތްނަމަ ތިމަންމެން އެ އާޔަތް ބާވައިލެއްވި ދުވަސް ޢީދެއްކަމުގައި ހެދީމުހެވެ.” އެއީ ކޮން އާޔަތެއްތޯ ދުވާލު ކުރެއްވުމުން އޭނާ ދެންނެވި އެވެ.

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا (ސޫރަތުލް މާއިދާ 3) މިއާޔަތެވެ. މިއާޔަތުގެ މާނައީ: “މިއަދު ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.”

ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. މިއާޔަތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާވައިލެއްވުނު ދުވަހާއި ބާވައިލެއްވުނު ތަން ތިމަންބޭކަލުންނަށް އެނގިވަޑައިގަންނަވެއެވެ. އެއީ ހުކުރު ދުވަހެއްގައި ޢަރަފާތު ބިމުގަ އެވެ.

އެ ބިމުގައި މިމާތް ދުވަހު ތިބުމުގެ ނަޞީބު ލިބިފައިނުވާ މީހުންނަށް އޮތީ މި ދުވަހު ރޯދަ ހިފުމާއި، އެހެނިހެން ހެޔޮ ޢަމަލުތައް ކުރުމެވެ.

ޢަރަފާތްދު ވަހުގެ ރޯދައާ ބެހޭ ގޮތުން ސުވާލުކުރެއްވުމުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. يُكَفِّرُ السَّنَةَ المَاضِيَةَ وَالبَاقِيَةَ މާނައީ: “(ޢަރަފާތް ދުވަހުގެ ރޯދަ) ފާއިތުވެ ދިޔަ އަހަރުގެ ފާފަ އާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފޮހެދެއެވެ.”

މިއީ އަޅުގަނޑުމެންނަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ގޮވާލަމެވެ. އަދި އޭގެ އިތުރަށް އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރީންނާއި އަދި އެ ނޫން މީހުންނަށް ވެސް މި ދުވަހުގެ ރޯދަހިފުމަށް އިރުޝާދު ދެއްވާށެވެ.

ހިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހެވެ. އެހެންކަމުން މި ދުވަހު ރޯދަ ހިފުމަށް އަވަސްވެގަތުމަށް، އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ނަސޭހަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.

ހެޔޮ ކަމަކަށް އަމުރުކޮށްފި މީހާ އަށް އެހެޔޮކަމެއް ކުރާ މީހާއަށް ލިބޭ މިންވަރަށް ސަވާބާއި ދަރުމަ ލިބޭނެ އެވެ. އެއީ އެޢަމަލު ކުރާމީހާގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ޙާލުގައެވެ. މިއީ ނަބަވީ އިރުޝާދުތަކުގެ އަލީގައި އަޅުގަނޑުމެންނަށް އިވިފައިވާ ޔަޤީން ވާހަކައެކެވެ.

އެހެންކަމުން ތިމާއަށް ވީ މިންވަރަކުން، ބޭނުން ކުރެވުނު ހެޔޮ ކޮންމެ ވަސީލަތެއް ބޭނުންކޮށްގެން، މި ހެޔޮކަމަށް މީސްތަކުންނަށް މަގު ދައްކަވާށެވެ.

އީމެއިލް ކުރައްވާށެވެ. އެސްއެމްއެސް ފޮނުވާށެވެ. ފޯނުން ގުޅުއްވާށެވެ. ފޭސްބުކްގެ ވޯލްގައި ލިޔުއްވާށެވެ! ޓްވިޓާގައި ލިޔުއްވާށެވެ! ވައިބާ އާއި ވަޓްސްއެޕުން ވެސް މެސެޖްކުރައްވާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮކަންތައް ކުރުމުގެ ތައުފީޤް ދެއްވާށި! އާމީން

މަސްދަރު: އިލްމު.އެމްވީ