އީދު ފާހަގަ ކުރަން ވާނީ ނަބަވީ ހިދާޔަތަށް ތަބާވެގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ތަފާތު ގިނަ ހަރަކާތްތަކާ އެކު މުޅި ރާއްޖޭގައި ވެސް ކުލަގަދަކޮށް އަޟްހާ އީދު ފާހަގަކުރަން ތައްޔާރީތައްވަމުން އަންނަ އިރު، މިނިސްޓަރު މިޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އިސްލާމީ މުޖުތަމައުގައި އިސްލާމީ ގިއުގަނޑުގެ ތެރޭގައި އީދުގެ އުފާވެރިކަމާއި މަތިވެރިކަމާއި މާތްކަން ދެމެހެއްޓުމަށް މުސްލިމުން ސަމާލުކަން ދޭންވާނެ ކަމަށެވެ.
"އީދަކީ އިސްލާމީ މަތިވެރި ޝިއާރެއް. އެންމެ ހެޔޮ ގޮތަކީ އީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބާވެގެން." ޝަހީމު ވިދާޅުވި އެވެ.
ރާއްޖޭގެ ބައެއް ހިސާބުތަކުގައި އީދު ފާހަގަކުރަން މިއުޒިކް ޝޯތަކާއި ދެ ޖިންސް އެއްވެގެން ބާއްވާ ކުޅިވަރުތައް އިންތިޒާމު ކުރާތީ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ގެންދަވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި، އެފަދަ ހަރަކާތްތަކުން އީދުގެ ހުރުމަތް ނުކެނޑުމަށް ގޮވައިލަމުންނެވެ.
ގައުމީ ފެންވަރުގައި މި އަހަރު އީދު ފާހަގަކުރަން ސަރުކާރުން ނިންމާފައި ވަނީ ތިން ރަށެކެވެ. އެގޮތުން ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން އީދު ފާހަގަކުރަން ނިންމާފައިވާ ތިން ރަށަކީ ހއ. ކެލަ އާއި ލ ގަމުގެ އިތުރުން ކ. ގުރައިދު އެވެ. މި ތިން ރަށުގައި އީދު ފާހަގަކުރަން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.