Last Updated: June 2, 18:03
Monday, June 2, 2025
މުނިފޫހިފިލުވުން

'ކިޔު ކީ ސާސް ބީ' ގެ ދެވަނަ ސީޒަނެއް

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ސްޓާ ޕްލަސްގެ ކުރީގެ ސިލްސިލާ "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ ދެވަނަ ސީޒަނެއް ގެނެސްދޭން ނިންމައި، އޭގެ ޝޫޓިން މިހާރު ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށްގެން އާ ސީޒަންގެ ޝޫޓިން ކުރިއަށް ގެންދާ އިރު، ސެޓުން އެއްވެސް މަންޒަރެއް ލީކްވިޔަ ނުދިމަށްޓަކައި ކާސްޓާއި ކްރޫ އަށް ފޯނު ވެއްދުން ވެސް މަނާކޮށްފައިވާ ކަމަށެވެ.

"ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ ކާސްޓްގައި ފުރަތަމަ ސީޒަންގެ މައިގަނޑު ދެ ތަރިއަކު ވެސް ހިމެނެ އެވެ. އެއީ ތުލްސީ
ވިރާނީގެ ރޯލު ކުޅުނު އަދި މިހާރު އިންޑިއާގެ ސަރުކާރުގެ މިނިސްޓަރެއް ކަމަށްވާ ސުމިތުރީ އިރާނީ އާއި އަމަރު އުޕަދޭ އެވެ. ބެލެވޭ ގޮތުން މި ދެ ތަރިންނާ އެކު އާ ސީޒަނުން ވެސް ބޮޑު ކާސްޓެއް ފެންނާނެ އެވެ.

ނަމަވެސް "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ އާ ސީޒަން ގެނެސްދޭނެ އިރެއް އަދި ނޭނގެ އެވެ.

މީގެ ފުރަތަމަ ސީޒަނަކީ އެކްޕާ ކަޕޫރް ޕްރޮޑިއުސްކޮށް 8 އަހަރަށް ގެނެސްދިން އަދި ވަރަށް މަޝްހޫރުވި ސިލްސިލާއެކެވެ. ޖުލައި 3، 2000 އިން ފެށިގެން ނޮވެމްބަރު 6، 2008 އާ ހަމައަށް "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ 1،833 އެޕިސޯޑް ގެނެސްދީފައިވެ އެވެ.

ސްޓާ ޕްލަސް އިން 2022 ގައި ވެސް މި ސިލްސިލާ ދައްކާފައިވެ އެވެ.

އެކްތާ ގެނެސްދިން މަޝްހޫރު ސިލްސިލާތަކުގެ ތެރެއިން "ކަސޯޓީ ޒިންދަގީ ކީ" ގެ ވެސް ދެވަނަ ސީޒަނެއް 2018-2020 އަށް ގެނެސް ދީފައިވެ އެވެ. ނަމަވެސް އޭގެ ދެވަނަ ސީޒަނަށް ފުރަތަމަ ސީޒަނަށް ލިބުނު ވަރުގެ މަގުބޫލު ކަމެއް ނުލިބެ އެވެ.