Last Updated: June 2, 18:03
Monday, June 2, 2025
ޚަބަރު

އައިޖީއެމްއެޗަށް 218 މުވައްޒަފުން ނަގަނީ

އައިޖީއެމްއެޗަށް އިތުރަށް 218 މުވައްޒަފުން ނަގަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ސިލްސިލާކޮށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕްރޮޑްކާސްޓްގެ އިއްޔެގެ އެޕިސޯޑްގައި ވިދާޅުވީ ސަރުކާރުގެ މައި ހޮސްޕިޓަލަށް ގިނަ އަދަދެއްގެ މުވައްޒަފުން އިތުރުކުރާ އިރު، އޭގެ ތެރެއިން ގިނައިން ހިމެނޭނީ ނަރުހުން ކަމަށެވެ.

"މިހާރު ފުރުސަތު ހުޅުވާލައި ގާތްގަނޑަކަށް ނިމިފައި އެ ވަނީ 218 މަގާމަށް މުވައްޒަފުން ނެގުން. އޭގައި ގިނަ އަދަދަކަށް ހިމެނިގެން ދަނީ ނަރުހުން،" ރައީސް ވިދާޅުވި އެވެ. "މިއީ ހަމަ ހުރިހާ ކަމެއް ހަމަޖެހިފައި އޮތް ކަމެއް. އެހެންވީމާ މުވައްޒަފުން އިތުރު ކުރެވި، ވަސީލަތް އިތުރުކުރެވި، އިމާރާތުގެ ޖާގައިގެ ގޮތުން އައިޖީއެމްއެޗް ވަރަށް ބޮޑު ތަނުން މި ފުޅާކުރެވުނީ."

ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކުޅުދުއްފުއްޓާއި ތިނަދު އާއި އައްޑު އާއި އުނގޫފާރު ފަދަ ތަންތަނުގެ ހޮސްޕިޓަލްތައް ފަދަ ތަންތަން ޓާޝަރީ ހޮސްޕިޓަލުތަކުގެ ގޮތުގައި ހިނގަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.